މޫސުން ގޯސްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށެވެ. މި ވިއްސާރައާއި ގުޅިގެން އަތޮޅުތަކުގެ ޙާލަތު ބެލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކާއި ގުޅިގެން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ވިއްސާރައިގައި ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެންޑީއެމްއޭ އިން އަޅަން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތަކަކީ:
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ކުރިމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން.
- ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން.
- ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުގެ ވައު ކަނޑައިގެން ނުދާނޭ ފަދައަކުން އެއްސުން.
- މާލެ އަދި ހުޅުމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަތުރުކުރާއިރު އިތުރަށް ސަމާލުވުން.
- ކުރިމަތިވެދާނެ އާންމު ޞިއްޙީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާއި އެކު ރަށު ތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ސަމާލުކަން ދިނުން.
- ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުތަކުގައި ފެންބޮޑުވެ، ގަސްގަހާ ގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުން.
މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީން ކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދުދީފައެވެ.









