ބާސެލޯނާއަކީ އެންމެ ކުޅޭ ހިތްވާ ޓީމު ކަމަށް ބުނެ، ފްރާންސްގެ ލީގް 1 ގެ ކްލަބް ލިލްގެ ސްޓްރައިކަރ ޖޮނަތަން ޑޭވިޑް އޭނާގެ ކޮންޓްރެކްޓު އައު ކުރުމަށް ދެކޮޅު ހަދާކަމަށް މީޑިއާ. ރިޕޯޓިތައް ބުނެފިއެވެ.
ކެނެޑާގެ ސްޓްރައިކަރ ލިލްއާއެކު އޮތް އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު 24 އަހަރުގެ ޑޭވިޑް ބުނި ގޮތުގައި ކުޑައިރުއްސުރެ ބާސެލޯނާއަށް ތާއީދުކުރަމުން އައި ހިނދު، އެ ކްލަބަށް ކުޅުމަކީ އޭނާގެ ހުވަފެނެކެވެ. ނަމަވެސް މެދުތެރެއިން އެހެން ކްލަބަކަށް ބަދަލުވުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ، މި މޫސުމުގެ ނިޔަލަށް ލިލްގައި ހުރުމަށް ޑޭވިޑް ބުނެފައިވެއެވެ.
މި ސީޒަނުގައި ޑޭވިޑް ވަނީ 19 މެޗުން 13 ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ރެއަލް މެޑްރިޑް، އެޓްލެޓިކޯ މެޑްރިޑް އަދި ޔުވެންޓަސްއާއި ދެކޮޅަށް ޖެހި ލަނޑުތައް ހިމެނެއެވެ.
ޑޭވިޑް ބުނި ގޮތުގައި މިހާރު އޭނާގެ ކުޅުން ރަނގަޅުވެފައިވަނީ ގިނަ ލަނޑުތަކެއް ޖަހަމުންދާތީއެވެ. ނަމަވެސް އޭނާގެ އެންމެ ރަނގަޅު މޫސުމަކީ ބެލްޖިއަމްގެ ކްލަބް ގެންޓްގައި ކުޅުނު ދެވަނަ މޫސުމު ކަމަށް ޑޭވިޑް ބުނެފައިވެއެވެ.









