ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ޤަވާޢިދަށް އެއްވެސް ބަދަލެއް މިހާތަނަށް ނުގެންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިރޭ ބުނެފިއެވެ.
އެމްއެމްއޭ އިން މި ބަޔާން ނެރުނީ އެ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްގެން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާތީއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި އަހަރުގެ އޮކްޓޯބަރު 1 ގައި ގެޒެޓްކުރި ޤަވާޢިދާ އެއްގޮތަށް ވަރަށް ގިނަ ވިޔަފާރިތަކުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ޤަވާޢިދު ތަންފީޒުކުރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހަމުން ކަމަށާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް މަޝްވަރާކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޤަވާޢިދުގެ ދަށުން 173 ރިސޯޓަކުން ރަޖިސްޓްރީވެފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ. ނަމަވެސް، ބައެއް ބޮޑެތި ވިޔަފާރިތަކުން ވަނީ މި ޤަވާޢިދަށް ޢަމަލު ނުކުރާނެ ކަމަށް ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ޤަވާޢިދު ބަދަލުނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ޓޫރިޒަމް ސެކްޓަރަށް 4.5 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ނަމަވެސް، އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރެވުނީ އެންމެ 1.5 ޕަސެންޓް ކަމަށެވެ. އަދި އާ ޤަވާޢިދަށް ޑޮލަރު މާރުކުރާނަމަ، އެއީ 15-20 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވިދާޅުވިއެވެ.
މި ޤަވާޢިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ކަނޑައެޅިފައިވާ ޢަދަދަކަށް ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އެގޮތުން ރިސޯޓުތަކާއި ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު، އަދި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހެއެވެ.









