ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ޅ. ކުރެންދޫގެ 70 ގެއެއްގައި ފެން ބޮޑުވެ ގެއްލުންތަކެއް ލިބިއްޖެއެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި މި ވިއްސާރައިގެ އަސަރު ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވަނީ ކޮށްފައެވެ.
އެންޑީއެމްއޭ އިން ބުނާ ގޮތުގައި ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި ރަށު ތެރޭގައި އެއްކޮށް ފެން ބޮޑުވެފައިވެއެވެ. މިހާރު ރަށުގައި ހުރި ޕަންޕު ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލް އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ފަރާތުން ހާމަކުރިއެވެ.
މީގެ އިތުރުން، މި ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިން ވަނީ ވެއްޓިފައެވެ. އަދި ދ. ބަނޑިދޫއަށް އައި ކޮޅިގަނޑެއްގައި ގެއެއްގެ ފުރާޅުގެ ބައެއް އެއްލާލިއިރު، ބަދިގެ ތެރޭގައި ފެން ބޮޑުވެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވެއެވެ. މި ގޭގައި ދިރިއުޅޭ ހަތް މީހުންނަށް ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.









