ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާއިރު، މިއަހަރު މިހާތަނަށް އެ ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު 407 އަށް އަރާފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީ ބަލި ފެތުރެމުންދަނީ އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ އިތުރުން ވިއްސާރަ މޫސުން ދިގުލައިގެން ދިޔުމާ ގުޅިގެންކަމަށް ބެލެވެއެވެ. އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދަނީ އަރބަން ސަރަޙައްދުތައް ނުވަތަ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަރައްޤީވެފައިވާ ސަރަޙައްދުތަކުގައެވެ.
ބަންގްލަދޭޝްގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ، މިއަހަރުގެ މިހާތަނަށް މި ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު 407 އަށް އަރާފައިވާއިރު، ބަލިޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހިފައިވާ މީހުންގެ ޢަދަދު 78,595 އަށް އަރާފައިވާ ކަމަށެވެ. ނޮވެންބަރު މަހުގެ މެދާ ހަމައަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 4,173 އަށް އަރައެވެ. އޭގެ ތެރެއިން 1,835 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ވެރިރަށް ދާކާގެ ހޮސްޕިޓަލްތަކުގައެވެ.
ޖަހަންގިރްނަގޫރް ޔުނިވަރސިޓީގެ ޒޫލޮޖީ ޕްރޮފެސަރ ކޮބިރުލް ބަޝާރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ޑެންގީ ހުން ފަތުރާ އީޑީސް މަދިރި އާލާވުމަށް އެންމެ އެކަށީގެންވާ ޙާލަތް ކުރިމަތިވެފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރ އޭބީއެމް ޢަބްދުﷲ ވިދާޅުވީ، ޑެންގީ ބަލި ޖެހިފައިވާކަން ކުރީބައިގައި ދެނެގަނެވުމަކީ، އެ ބަލީގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށް މުހިންމު ކަމެއްކަމަށެވެ.
ނިމިދިޔަ އަހަރު ވެސް ޑެންގީ ބަލީގައި ބަންގްލަދޭޝް އިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. އެގޮތުން، ރަސްމީ ހިސާބުތަކުން ހާމަވާގޮތުގައި 2023 ވަނަ އަހަރު ޑެންގީ ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 1,705 އަށް އަރައެވެ. އަދި، އެ އަހަރު ބަލި ޖެހުނު ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ އަދަދު 321,000 އަށްވުރެ މައްޗަށް އަރައެވެ.
ކޮންމެ އަހަރަކު ވެސް ޑެންގީ ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިޔުމާއެކު، ބަންގްލަދޭޝްގެ ޞިއްޙީ ފަރުވާގެ ނިޒާމަށް ބާރު ބޮޑުވަމުންދާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.
1960 ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝް އިން ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އޭގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ 'ޑެންގީ ހެމޮރެޖިކް ފީވަރ' ޢާންމުކޮށް ފެތުރެން ފަށާފައިވާ ކަން ރިޕޯޓު ކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ.
މީގެ ކުރިން ޑެންގީ ހުން ޢާންމުވެފައި ވަނީ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައެވެ. ނަމަވެސް، ފަހަކަށް އައިސް ފިނި މޫސުމުގައި ވެސް ބަންގްލަދޭޝް އިން މި ބަލީގެ ކޭސްތައް ފެންނަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.
ބަންގްލަދޭޝަށް ޢާންމު ގޮތެއްގައި ވިއްސާރަ މޫސުން ލައިގަންނަނީ ޖޫން މަހާއި ސެޕްޓެންބަރު މަހާއި ދެމެދުގައެވެ. ނަމަވެސް، މި އަހަރުގެ ވިއްސާރަ މޫސުން އެއަށްވުރެ ދިގުލައިގެން ގޮސްފައިވާ ކަމުގައި އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ބުންޏެވެ. އަދި، ވިއްސާރަ މޫސުން ދިގުލައިގެން ދިޔުމާއި، އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން މަދިރި އާލާވުން އިތުރުވެ، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ޢާންމުވެފައިވާ ކަމުގައި ވެސް އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.









