ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް އަންނަ އަހަރު ހިންގާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސްގެ ތެރޭގައި މިނިސްޓަރު ޒަމީރު މި ވާހަކަ ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ތަރައްޤީގެ މަޝްރޫޢުތަކަށް ބަޖެޓުގައި ކުޑަ އަދަދެއް ކަނޑައެޅުމުން އެ މަޝްރޫޢުތައް ނުހިނގާ ތަން ފެނިފައިވެއެވެ. ނަމަވެސް މިފަހަރު ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންޑު ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އިސްކަންދެއްވާ ތަރުތީބަށް ބަލައިގެން ކަމަށާއި، ތަރައްޤީގެ ލިސްޓުން އެއްވެސް ރަށެއް އުނިނުވާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން މަޝްރޫޢުތައް އިޢުލާނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އާސަންދައަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މި ބަދަލުތައް ގެނެވުނީ އިސްރާފުވާ ފައިސާ މަދުކުރުމަށް ކަމަށާއި، މިކަމުން ރައްޔިތުންނަށް ލިބޭ ޚިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އާސަންދައިގެ އިސްރާފު ކުޑަކުރުމުން 500 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.






