ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގެ ބީ ގައި ހިމެނޭ އިނގިރޭސިވިލާތުން ރޭ އަމިއްލަ ދަނޑުގައި އަޔަލޭންޑް 5 ލަނޑު ސުން ލަނޑުން ބަލިކޮށް، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
މިމެޗުގައި ލަނޑުޖެހީ ކެޕްޓަން ހެރީ ކޭން، އެންޓޮނީ ގޯޑެން، ޖެރާޑް ބޮއެން، ކޯނޯ ގަލެގާ އަދި ޓެއިލާ ހާވުޑް ބެލީސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޖޫޑް ބެލިންގްހަމްއެވެ.
މެޗުގައި ފެނުނު ހުރިހާ ގޯލެއް ވެސް ފެނުނީ ދެވަނަ ހާފުގައި އަޔަލޭންޑްގެ ލިއާމް ސްކޭލްސް ރަތްކާޑު ދެއްކުމާއި ގުޅިގެން އިނގިރޭސިވިލާތަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. 53ވަނަ މިނެޓުގައި މި ޕެނަލްޓޯ ކާމިޔާބުކުރީ އެންމެ ފަހުން ކުޅުނު މެޗުގައި ބެންޗުގައި ބެހެއްޓި ކެޕްޓަން ހެރީކޭންއެވެ. އެއަށްފަހު އިނގިރޭސިވިލާތުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ.
މިނަތީޖާއާއެކު އިނގިރޭސިވިލާތުން ވަނީ ގުރޫޕުގެ އެއްވަނަ ހޯދައި، ނެޝަނަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް ސީދާ ޖާގައެއް ހޯދާފައެވެ. އިނގިރޭސިވިލާތަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އަޔަލޭންޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.