ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ އުތުރުގައި ބޮޑު ޤަތުލުޢަންމެއް ހިންގައިފިއެވެ. ފާއިތުވި 24 ގަޑިއިރުތެރޭ ދިން ވައިގެ ހަމަލާތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ބައިތުލް ލަހިޔާ ސަރަހައްދުގައި އިއްޔެ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން އެންމެ ސަރަޙައްދަކުން 92 މީހުން ޝަހީދުވިކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށްވެސް އެ އޮފީހުން މައުލޫމާތު ދިންކަމަށް މަސްދަރުތަކުން ބުނެއެވެ.
ބައިތުލް ލަހިޔާ ޕްރޮޖެކްޓް ސަރަހައްދުގައި ހުރި ފަސް ބުރީގެ އިމާރާތަކަށް އިސްރާއީލުގެ ފައިޓަރ ޖެޓުތަކުން ޙަމަލާދިނުމުން 50 އަށްވުރެ ގިނަ މީހުން ޝަހީދުވި ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އެތައް ބައެއް ވަނީ ވެއްޓިފައިވާ އިމާރާތުގެ ތެރޭގައި ތާށިވެފައެވެ. މި އިމާރާތުގައި 70 އަށްވުރެ ގިނަ ރެފިއުޖީން ތިބިއިރު އަދިވެސް ހަށިގަނޑުތައް އެތަނުން ނެރެވޭ ގޮތެއް ނުވެއެވެ.
ހަމަ މި ސަރަހައްދުގައި ހުރި އެހެން ގެއަކަށް އިސްރާއީލުން ދިން ޙަމަލާއެއްގައި މިހާތަނަށް 30 ވަރަކަށް މީހުން ޝަހީދުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އިތުރު ދެމީހުން ބައިތުލް ލަހިޔާގައި ހުރި އެހެން ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވި ކަމަށް ވެސް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.

އޮކްޓޯބަރު 5 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ނަސްލު އެކީއެކަށް ފޮހެލުމަށް ބޮޑު ހަނގުރާމައެއް ފަށާފައެވެ. މީގެ ސަބަބުން އެ ސަރަހައްދަށް އެއްވެސް އިންސާނީ އެހީއެއް ނުވަދެއެވެ.
މިއީ އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން އެންމެ ފަހުގެ ނުރައްކާތެރި ޙަމަލާއެވެ. މިހާތަނަށް މި ހަނގުރާމައިގައި ޑޮކިއުމެންޓް ފުރިހަމަވެފައިވާ 43،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ކޮން ބައެއްކަން ޔަޤީންނުވާ 10 ހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، ޣައްޒާގެ ގިނަ ސަރަހައްދުތަކަކީ މިހާރު ދިރިއުޅެން ނުކުޅެދޭވަރުގެ ތަންތަނަށް ވަނީ ވެފައެވެ.









