ޖީ20 ސަމިޓުގެ ޑްރާފްޓް ބަޔާނުގައި ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތް ވަނީ ވަކިފަރާތަކަށް ބުރަވެ އަދި އިސްރާއީލާ ދެކޮޅަށް ކަމަށާއި، ފައިނަލް ބަޔާނުގައި އިސްރާއީލް ދިފާޢުކޮށް ޣައްޒައާއި ލުބުނާނު ކުށްވެެރި ކުރުމަށް އިސްރައީލުން އިންޒާރުދީ ޤައުމުތަކަށް ޕްރެޝަރު ކުރަން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. .
އިސްރާއިލުގެ ފޮރިން ،ިނިސްޓަރު ސާރު އެކްސް ޕްލެޓްފޯމުގައި ޕޯސްޓްކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖީ20 ސަމިޓުގެ ފައިނަލް ބަޔާނުގައި އިސްރާއީލުގެ ދިފާޢީ ޙައްޤު ބަޔާންކުރުމާއި، ހަމާސް އަދި ހިޒްބުﷲ ކުށްވެރިކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖީ20 ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވާހަކަދައްކަވައި، ފައިނަލް ބަޔާނުގައި މި ކަންކަން ހިމެނުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ސާރު އިންޒާރުދެއްވީ އިސްރާއީލުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބަޔާން ނުކުރާނަމަ، އެކަމުން ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ގެއްލުން ލިބޭނެ ކަމަށެވެ.
ޖީ20 ސަމިޓު ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި މިއަދާއި މާދަމާ ކުރިޔަށްދާއިރު އިސްރާއީލުން ދަނީ މިހށރުވެސް ޣައްޒާއަށް ހަމަލާދެމުންނެވެ. މިހާތަނަށް 43،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ލުބުނާނަށް ވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. މިހާތަނަށް 3،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 14،400 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.









