އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރެއަށް ދިން ވައިގެ ޙަމަލާއެއްގައި ހިޒްބުﷲގެ ތަރުޖަމާނު މުޙައްމަދު އަފީފް އަވަހާރަވެއްޖެ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނެފިއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ހަމަލާއަކީ ބެއިރޫތުގެ މެދުތެރޭގެ ޑިސްޓްރިކްޓް ރަސް އަލް ނަބާއާގައި ހުންނަ ބައާތު ޕާޓީގެ އިމާރާތަށް ދިން ހަމަލާއެކެވެ.
ބާތުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޙިޖާޒީ ވިދާޅުވި ގޮތުގައި އިސްރާއީލުން ޙަމަލާ ދިން އިރު އަފީފް ބަހުތު ޕާޓީގެ މައި މަރުކަޒުގައި ބައްދަލުވުމެއް ބާއްވަމުން ދިޔަ އެވެ.
ރޮއިޓާސް، ސްކައި ނިއުސް، އަލްޖަޒީރާ އަދި އިނގިރޭސި ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފީފް އަވަހާރަވީ އިސްރާއީލުގެ ހަމަލާގައި އެވެ.
އަނެއްކޮޅުން ރޮއިޓާސްއިން ބުނީ ލުބުނާނުގެ ސަލާމަތީ ދެ މަސްދަރަކުން ވަނީ ބެއިރޫތުގެ މެދުތެރޭގެ އިމާރާތަކަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއެއްގައި ހިޒްބުاللهގެ މީޑިއާ ރިލޭޝަންސް ޗީފް އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ.
ހިޒްބުالله އިން ވެސް ފަހުން ވަނީ އަފީފް އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ.
ލުބުނާނުގައި ތިބި ރިޕޯޓަރުންނާއި ޙަވާލާދީ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އިއްޔެ ލުބުނާނުގެ ޢާންމުންނާއި ދީނީ ތަންތަނަށް އަމާޒުކޮށް މަދުވެގެން 27 ވައިގެ ޙަމަލާ ދީފައި ވެއެވެ.
އިސްރާއީލުން އިއްޔެ ބެއިރޫތުގެ އަލްހަދާތު ސަރަޙައްދަށް ދިން ޙަމަލާގައި ހަލާކުވެފައިވާ ޢިމާރާތެއް:
ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ އިސްރާއީލުގެ ބޯޓުތަކުން ބެއިރޫތުގެ ދެކުނު ސަބަރބްގެ ހަދާތު ސަރަހައްދުގައިވާ ސެއިންޓް ޖޯޖް ހޮސްޕިޓަލް ކައިރީގައި އޮންނަ އަވަރ ލޭޑީ އޮފް ސެލްވޭޝަން ޗާޗުގެ ވަށައިގެންވާ ސަރަޙައްދާއި، ބެއިރޫތުގެ މެދުތެރޭގައި ހުންނަ ރަސް އަލް-ނަބާ ސަރަހައްދަށް ޙަމަލާ ދީފައިވާ ކަމަށެވެ. މި ސަރަހައްދަކީ ހިޒްބުﷲ ގެ ޙަރަކާތްތައް ހިންގާ ސަރަޙައްދެއް ނޫން ކަމަށްވާއިރު މިއީ ގިނަ ޢަދަދެއްގެ ނަޞާރާއިން ދިރިއުޅޭ ސަރަޙައްދެކެވެ.
އިސްރާއީލްގެ ސިފައިންގެ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޙަމަލާ އަމާޒު ކޮށްފައި ވަނީ ބެއިރޫތުގައި ހުންނަ ޙަސަން ނަޞްރުﷲގެ ގެއަށެވެ. 2006 ވަނަ އަހަރު ޙަސަން ނަޞްރުﷲ އަވަހާރަ ކޮށްލުމަށް މިގެއަށް ދިން ޙަމަލާ ނާކާމިޔާބު ވެފައިވާއިރު، އޭގެ ފަހުން އެ ގެ އަލުން ބިނާކޮށް ހިޒްބުاللهގެ އިންފްރާސްޓްރަކްޗާއަށް ބޭނުންކޮށްފައިވާ ކަމަށް ސިފައިންގެ ރޭޑިއޯއިން ބުނެއެވެ.
ނަމަވެސް ރޮއިޓާސް އިން ބުނި ގޮތުގައި އިސްރާއީލުން ހަމަލާ ދީފައިވަނީ ބެއިރޫތުގެ ރަސް އަލް ނަބާ އަވަށް ކަމަށްވާއިރު، އެ ނޫސް އެޖެންސީން ބުނާ ގޮތުގައި އެ ސަރަހައްދުން މީހުން ބޭރަށް ނުކުތުމުގެ އަމުރު ލިބިފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެގެ ޙަމަލާ ދިނުމުގެ ކުރިން އިސްރާއީލް ޑިފެންސް ފޯސްގެ ޢަރަބި މީޑިއާއިން ވަނީ ބެއިރޫތުގެ އެކި ހިސާބުތަކަށް ޙަމަލާ ދޭނެ ކަމަށާއި ޢިމާރާތް ތަކުގައި ނުތިބުމަށް ބުނެ އިންޒާރުދީ ޙަމަލާ އަމާޒުވާ ސަރަޙައްދުތަކުގެ މެޕެއް ޢާންމު ކޮށްފައެވެ.
އަފީފަކީ ސެޕްޓެމްބަރު 27 ވަނަ ދުވަހު ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާގައި އަވަހާރަވި ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުاللهގެ މީޑިއާ އެޑްވައިޒަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ހިޒްބުاللهގެ އަލްމަނާރު ޓީވީ ސްޓޭޝަން އެތައް އަހަރެއް ވަންދެން މެނޭޖް ކުރެއްވުމުގެ ކުރިން އޭނާ ވަނީ އެ ގްރޫޕްގެ މީޑިއާ އޮފީހާ ހަވާލުވެވަޑައިގެންފަ އެވެ.
އަފީފަކީ ބެއިރޫތުގެ ދެކުނުގެ ސަބަރބްސްގައި ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވައިފައިވާ ބޭފުޅެކެވެ. ނޮވެމްބަރު 11 ވަނަ ދުވަހު ނޫސްވެރިންނާއި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އިސްރާއީލުގެ ސިފައިންނަށް ލުބުނާނުގެ އެއްވެސް ސަރަޙައްދެއްގެ ކޮންޓުރޯލް ނުނެގޭ ކަމަށާއި ދިގު ހަނގުރާމައެއް ކުރުމަށް ހިޒްބުاللهގެ އަތުގައި ހަތިޔާރާއި ސާމާނު ހުރި ކަމަށެވެ.
އޭނާ ވަނީ އަލް-މަނާރް ޓީވީގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރައްވާފައެވެ. އަފީފް އަވަހާރަވުމާއި ހަމައަށް ގެންދެވީ ބެއިރޫތުގައި ތިބި ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އަދި ހިޒްބުﷲ ގެ އެންމެ ފަހުގެ މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްސާކުރައްވަމުންނެވެ.