ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް އަންނާނެކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2026 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް މުސާރައިގެ ކުރިއެރުން ނުލިބި ތިބި ސިވިލް ސަރވިސް މުވައްޒަފުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަންނަ އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެކަން ހާމަކުރެއްވިއެވެ. މި ބަދަލަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޕޭ ހާމަނައިޒޭޝަން ނިޒާމުގެ ދަށުން، އަންނަ އަހަރު މުސާރަ ބޮޑުކުރާނީ މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނަށާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންނަށް." ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި، ބާކީ ތިބި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހިމެނޭނެކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
މުސާރަ ބޮޑުކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް އިޤްތިޞާދު ވަރުގަދަކޮށް، ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް އަލަށް އެކުލަވާލާ ޤަވާޢިދުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.






