ސަރުކާރުން އަންނަ އަހަރު 100 ރަށެއްގައި ކައުންސިލް ޢިމާރާތް އަޅަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
ރައީސް ވިދާޅުވީ އޭގެ ތެރެއިން 50 ރަށެއްގައި ކައުންސިލް ޢިމާރާތް އަޅާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. އަދި އަނެއް 50 ރަށުގައި ޢިމާރާތް އަޅާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ގިނަ ކައުންސިލް އިދާރާތައް މިހާރު ހުރީ ވަރަށް ދަށު ދަރަޖައިގައި. ބައެއް ޢިމާރާތްތައް ހުރީ ބޮލަށް ވެއްޓޭ ހިސާބުގައި. މި މައްސަލަ ޙައްލުކުރުމަށްޓަކައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމީ." ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.






