ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 އެމެރިކާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޤަވާޢިދަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ މި ޤަވާޢިދަށް ޢަމަލުކުރުމަކީ އެންމެންގެ މައްޗަށްވެސް ލާޒިމު ކަމެއް ކަމަށެވެ. "ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ޤަވާޢިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނޭ. ޤަވާޢިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ." ރައީސް ވިދާޅުވިއެވެ.
މި ޤަވާޢިދަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ޤަވާޢިދެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޤަވާޢިދު އިތުރަށް ތަންފީޒުކުރުމަށްޓަކައި، އެމްއެމްއޭއަށް އިތުރު ބާރުތަކެއް ދިނުމަށް ޚާއްޞަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރު އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށާއި، އެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެމްއެމްއޭގެ މި ޤަވާޢިދާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ނަމަވެސް، ސަރުކާރުން މިކަމުގައި ދެމިތިބޭނެކަން ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން ސާފުވެގެން ދިޔައެވެ.






