ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދެވުނީ ކާޑުގެ ބާވަތްތަކެވެ. ނަމަވެސް، މި އަހަރު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސްދަޅު ކޭހެއް ދިނުމަށް މިފްކޯއަށް އަންގަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މިދިޔަ އަހަރު ސަރުކާރުން ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ވަނީ ދީފައެވެ. މި ހަދިޔާ ދޫކޮށްފައިވަނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށް ފަހުގައެވެ.









