ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަންނަ އަހަރުގެ މެދުތެރޭގައި ނަގާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ސަރުކާރުން 5,012 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. މިއީ ކުރީގެ ތިން އަހަރު ދުވަހުގެ ޖުމްލައަށް ބަލާއިރު ވެސް އިތުރު އަދަދެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިހާރު މާލޭގައި ކުދި ކުދި ތަންތަންކޮޅުގައި 100، 200 މީހުން އުޅޭ މައްސަލަ ޙައްލުކުރެވޭނެ. ރައްޔިތުން އަޅުގަނޑުމެނާއެކު ތިބިއްޔާ އެކަން ކުރާނަން، ގެރެންޓީ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 136 ރަށުގައި ކުރަނގި އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަންގެ ދަށުން 12,113 މީހުންގެ ބަޔޯމެޓްރިކް ނަގާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ އޭޕްރިލް ނުވަތަ މޭ މަހާ ހިސާބަށް ދާއިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ނިމޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ނަތީޖާއިން ކަމަށާއި ހުސް ވާހަކަފުޅެއް ނުދައްކަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.









