ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިއަދު އަހަރެއް ފުރިފައިވާއިރު، ފާއިތުވި 52 ހަފްތާގެ ތެރޭގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށްޓަކައި ކުރެއްވި މަސައްކަތްޕުޅަށާއި، ރައްޔިތުންނާއި ދިވެހި ޤައުމުގެ ޙައްޤުގައި އެމަނިކުފާނު އަޅުއްވާފައިވާ ހިތްވަރުގަދަ ފިޔަވަޅުތަކާ މެދު ރައްޔިތުން ތިބީ ނުހަނު އުފަލުގައެވެ.
އެއް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ ޙައްޤުގައް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާލުމުން މިކަން ވަރަށް ބޮޑަށް ކަށަވަރުވެގެން ހިނގައްޖެއެވެ. އެގޮތުން "ޚުލާސާ" އިން މިވަނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒު ވެރިކަން ކުރައްވާފައިވާ ގޮތާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާފައެވެ.
ހަފްތާ 52 - ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzuގެ ވެރިކަމަށް އަހަރެއް ފުރިގެން ދިޔަ އިރު، ރައްޔިތުންގެ ޚިޔާލު ހުރި ގޮތް.#hafthaa52 pic.twitter.com/HF61ueS5G9
ހަފްތާ 52 - ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzuގެ ވެރިކަމަށް އަހަރެއް ފުރިގެން ދިޔަ އިރު، ރައްޔިތުންގެ ޚިޔާލު ހުރި ގޮތް.#hafthaa52 pic.twitter.com/HF61ueS5G9
— Khulaasaa (@KhulaasaaNews)?ref_src=twsrc%5Etfw">November 17, 2024
?t=Gj6eGm_temorgvVig4llrA&s=19
ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އިމިގްރޭޝަނުން މިއަދު އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް، ސަރުކާރު މުއައްސަސާތަކާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ޤަވާޢިދާ ޚިލާފަށް އުޅެމުން ދިޔަ 5,000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ހިފަހައްޓައި، މި ޤައުމުން ޑީޕޯޓުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ވިޔަފާރިތަކެއް ވެސް ހުއްޓުވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ޚާއްސަކޮށް، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަކީ ރައީސް މުޢިއްޒު އެންމެ ޚާއްސަ އިސްކަމެއް ދެއްވާ މަޝްރޫޢުތަކަށް ވާއިރު، މީގެ ކުރީ ސަރުކާރުތަކުން ހިންގާފައިވާ އެފަދަ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް ކަންތައްތައް ލުއިފަސޭހަކޮށްދީ، އެ ފަރާތްތަކުގެ ދިރިއުޅުން ތަނަވަސް ކޮށްދިނުމަށް ވެސް ރައީސް މުޢިއްޒު ވަނީ ޚާއްސަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން ރޯހައުސްތަކާއި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދައްކަންޖެހޭ ކުލީގެ ވަރަށް ބޮޑު އިންސައްތައެއް މި ސަރުކާރުން ވަނީ ލުއިކޮށްދީފައެވެ.
މީގެ އިތުރުން ރައްޔިތުން އަމިއްލައަށް ގެދޮރު ހެދުމަށްޓަކައި ސަރުކާރުން ލޯނު ދޫކުރަން ނިންމި ނިންމުމަށްވެސް ގިނަ ރައްޔިތުންގެ ތައުރީފް ވަނީ ލިބިފައެވެ. މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ސްކީމަކީ އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގެ ތިން ބޭންކަކާއި ގުޅިގެން %5 އިންޓްރެސްޓް ރޭޓުގައެވެ.
މި ސްކީމްގެ ދަށުން ރާއްޖޭގެ އަތޮޅުތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް" އިން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރުތަކަށް "ސަހަރު ފައިނޭންސިންގ ސްކީމް" އިން 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަޙައްދަށް "ފަހިމާލެ ފައިނޭންސިން ސްކީމް" އިން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގައި ގޭގެ ބެހެނިވެރިންނާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދެވޭނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މި ސްކީމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބޭންކުތަކުން ޖުމްލަ 2 ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ހުރިހާ ލޯނެއްވެސް ދޫކުރެވޭނީ %5 އިންޓްރެސްޓް ރޭޓުގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
ރައީސް މުޢިއްޒު ވަނީ 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފުރުޞަތު ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ލޯނު ސްކީމް ކަމުގައި ފާހަގަކުރެވެއެވެ.
ރައްޔިތުން ފާހަގަކޮށްފައިވާ އިތުރު ކަމަކަށް ބަލާލާއިރު، ރައީސް މުޢިއްޒު ވަނީ ރަށްރަށުގެ ފްލެޓް އަދި ރޯހައުސްތަކުގެ ކުލިން 20 އިންސައްތަ ކުޑަކުރައްވާފައެވެ. މިއީ އެމަނިކުފާނުގެ އިންތިޚާބީ ވަޢުދުފުޅާއި އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅެކެވެ. އަދި ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން، އެ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެ ލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަކުރާ ގޮތަށް ވަނީ ނިންމަވާފައެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތައަށް ވަނީ ކުޑަކުރައްވާފައެވެ. ރައީސް މުޢިއްޒު ނިންމަވާފައިވާ މިފަދަ ނިންމުންތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހައެއް ވެފައިވާކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ.
ދާދި ފަހުން އެމަނިކުފާނު ނިންމެވި އެއް ނިންމެވުން ކަމަށްވާ، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމުގެ ނިންމެވުމަށްވެސް ގިނަ ރައްޔިތުންގެ ތައުރީފް ވަނީ ލިބިފައެވެ. އެގޮތުން މިއީ އަދުގެ ޖީލުގެ ކުޑަކުދިންނާއި މުޖުތަމަޢަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް މައްސަލައެއް ކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ޙައްލު ކުރުމަށް ރައީސް މުޢިއްޒު އަޅުއްވާފައިވާ ހިތްވަރުގަދަ ފިޔަވަޅުތަކަށް ރައްޔިތުން ވަނީ ތައުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1,200 ޑޮލަރަށް ބޮޑުކުރުމަކީ ވެސް ވަރަށް ގިނަ ރައްޔިތުންގެ ތައުރީފް މި ސަރުކާރަށް ލިބިގެން ދިޔަ ކަމެކެވެ. އަދި ޤައުމުގެ އިޤްތިޞާދުގެ ތެރޭގައި ޑޮލަރު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްވެސް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ކިޔެވުމުގެ ފުރުޞަތު ނެތް ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރެވޭނެ ގޮތަށް، ޤައުމީ ޚިދުމަތުގެ ނިޒާމެއް ތަޢާރަފްކުރަން ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީވެސް ވަރަށް ފާހަގަކޮށްލެވޭ ނިންމުމެކެވެ. ރައީސް މި ޕްރޮގްރާމް ޢިއުލާނުކުރައްވާފައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ތިބޭ އަދި އޭލެވެލް ނިންމައި ޑިގްރީއަށް ނުދެވި ތިބި ބައިވަރު ކުދިން ތިބި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެކުދިންނަށް ވަޒީފާ ނުލިބޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކުދިން މަސްތުވާތަކެއްޗާއި އެކި ކަހަލަ ނުބައި ޢަމަލުތަކަށް ހުށަހެޅޭކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމަޢާއި އެ ކުދިންގެ ޢާއިލާއިން އުފުލަންޖެހޭ ބުރަ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކުދިންނަށް އަސްކަރީ ތަމްރީނު ލިބި، ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ޤައުމަށާއި ސިފައިންގެ ޚިދުމަތަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ.
އަހަރެއްގެ ތެރޭގައި މިފަދަ ހިތްވަރުގަދަ ނިންމެވުންތަކެއް ނިންމަވާ ތަންފީޛުކުރަމުން އަންނައިރު، ކުރިއަށް އޮތް އަހަރުތަކަކީވެސް ދިވެހި ރައްޔިތުންނަށާއި ޤައުމަށް އުފާފާގަތި އަހަރުތަކަކަށް ވާނެކަމާމެދު ރައްޔިތުންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް މުޢިއްޒު ގެންދަވަނީ، އެމަނިކުފާނަކީ ރައްޔިތުންގެ ފަޅީގައި ހުރެ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާ ވެރިއެއްކަން ސާބިތުކޮށްދެއްވަމުންނެވެ.









