ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރިން ކަމުގައިވާ އިބްރާހިމް އަލީ ޚާން އަދި ޕަލަކް ތިވާރީ އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.
މި ދެ ތަރިން ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ފުރަވެރި ރިސޯޓެއްގައެވެ.
މިތަރިންނަކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑެކެވެ. އަދި މިދެމީހުން އެއްކޮށް ވަރަށް ގިނަ ތަންތަނުންވެސް ފެންނަމުން ދާތީ މިތަރިންގެ ގުޅުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެއްޖެއެވެ.
އިބްރާހިމް އާއި ޕަލަކް ވަނީ ރާއްޖެ އައިސް އެމީހުންގެ އަމިއްލަ އިންސްޓަގުރާމުގައި ތަފާތު އެކިއެކި ފޮޓޯތައް ޙިއްސާކޮށްފައެވެ. އެގޮތުން އެމީހުން ޙިއްސާކުރި ފޮޓޯތަކުގައި ބުނީ ދެ މީހުން އައީ އެކުގައި ކަމަށެވެ. އެގޮތުން، އިބްރާހިމް ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި ފެނިގެންދަނީ ޔޮޓެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކާއި ބީޗާއި ކެއުން ތަކުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެކެވެ. ހަމަ އެގޮތަށް ޕަލަކްވެސް ވަނީ އިބްރާހިމް އާއެކު ފޮޓޯ ނަގައި އާންމުކޮށްފައެވެ.
އިބްރާހިމް އާއި ޕަލަކްގެ ގުޅުން ފެށިފައިވާ ކަމަށް ބުނެފައިވަނީ 2022 ވަނަ އަހަރު ދައްކާފައިވާ ފިލްމެއްގެ ޕްރިމިއާ ތެރެއިންނެވެ. އަދި ފިލްމުގެ ޕްރިމިއާ ނިމުމުން ދެމީހުންގެ ގާތް ރައްޓެހިންނާ އެކުގައި އިބްރާހިމްގެ ކާރުގައި ވަނީ ބުރެއް ޖަހާލަންގޮސްފައެވެ. އެ ގުޅުން ފެށުނީ އެ ހިސާބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.









