ދުނިޔޭގެ އެންމެ ބޮޑު އެކުއޭރިއަމް ދިވެހިރާއްޖޭގައި ނެހެދެންވީ ސަބަބެއް ނެތްކަމަށާއި، އެފަދަ ޚިޔާލެއް ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ފަތުރުވެރިކަމުގެ އައު ޓްރެންޑުތަކެއް އުފެދިގެން އަންނަމުންދާއިރު އެކަމަށް ސަރުކާރުން ތައްޔާރުވަނީ ކިހިނެއްތޯ" ޚުލާސާ އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގެ ތެރެއިންނެވެ.
5 Suvaalu with Tourism Minister Ibrahim Faisal#hafthaa52@ifaisalofficial pic.twitter.com/lDPK9DhxH7
— Khulaasaa (@KhulaasaaNews)
?t=-d2yfQeYzDE13-Ytx52JrQ&s=19
ޚުލާސާ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ކަނޑުގެ މުއްސަނދިކަން ފާހަގަކުރައްވައި، މިފަދަ މަޝްރޫޢަކުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިންގެ ޝައުޤުވެރިކަން ދަމައިގަނެވޭނެ ކަމަށެވެ.
"ކީއްވެ ދިވެހިރާއްޖޭގައި ދުނިޔޭގެ އެންމެ ބޮޑު އެކުއޭރިއެމް ނެހެދޭންވީ؟ އެކަން ކުރެވިއްޖެ ކަމަށް ވަންޏާ ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިންވެސް އެތަން ބަލާލަންވެސް ޒިޔާރަތްކުރާނެ އަދި އެއީ ހަމަ ވަރަށް ވަރުގަދަ ޓޫރިސްޓު އެޓްރެކްޝަންއެއް ގޮތަށް، ލޭންޑްމާކެއް ގޮތަށް އެކަން ކުރެވި އަޅުގަނޑުމެންނަށް އެކަންކަން ޙާޞިލް ކުރެވޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން'' - މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުއޭރިއަމްތަކުން މިހާރުވެސް އެ ޤައުމުތަކަށް ރަނގަޅު މާކެޓެއް ލިބެއެވެ. ދުބާއީ އެކުއޭރިއަމް އެންޑް އަންޑަވޯޓަރ ޒޫއަށް އަހަރަކު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ހަމައެހެންމެ، ލަންޑަނުގެ ސީ ލައިފް އެކުއޭރިއަމަށް އަހަރަކު 1 މިލިއަން މީހުން ޒިޔާރަތްކުރެއެވެ.
މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އެކުއޭރިއަމްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާގެ ޗައިމެލޮންގ އޯޝަން ކިންގްޑަމްއެވެ. މީގެ އިތުރުން ޖަޕާނުގެ އޮކިނާވާ ޗުރައުމީ އެކުއޭރިއަމަކީ ވެސް މަޝްހޫރު އެކުއޭރިއަމެކެވެ.
މިނިސްޓަރު ފައިޞަލް ވިދާޅުވީ ރާއްޖޭގައި އެކުއޭރިއަމެއް ހެދޭނެ ހިތްގައިމު ތަންތަން އެބަހުރި ކަމަށާއި ޚިޔާލުކުރައްވަނީ އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން އައު ކޮންސެޕްޓެކެވެ.
އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދުތަކަކީ މިފަދަ މަޝްރޫޢަކަށް އެންމެ އެކަށީގެންވާ ތަންތަން ކަމަށް ފާހަގަކުރައްވައި މިނިސްތަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، ކަނޑުގެ ދިރުންތައް ބެލުމަށް ދުނިޔޭގެ މައި މަރުކަޒަކަށް ރާއްޖެ ވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ލާމު އަތޮޅާއި ފުވައްމުލަކުގައި ވެސް ހިތްގައިމު ސަރަޙައްދުތަކެއް ހުރިކަން ފާހަގަކުރައްވައި އެތަންތަނަށް އިންވެސްޓުކޮށްގެން ކުރުމުއްދަތެއްގެ ތެރޭގައި އޭގެއިން ނަފާ ލިބޭނެ ގޮތްތަކެއް ހުރިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިިނިސްޓަރު ވިދާޅުވީ ބައިނަލްއަޤްވާމީ ޔޮޓް ރޭސް ފަދަ މުބާރާތްތައް ވެސް ރާއްޖޭގައި ބޭއްވިދާނެ ކަމަށާއި ކުރިޔަސް އޮތްތަނުގައި އެކަންތައްތައް ފެނިގެންދާނެ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ދަށް ސަރަޙައްދުތައް ޕްރޮމޯޓްކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ޓޫރިޒަމުން ނަފާ ލިބޭނެ އައު ކޮންސެޕްޓުތައް މިނސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ގެސްޓުހައުސް ވިޔަފާރިކުރާ މީހާއަށް ހަމައެކަނި ރޫމްތައް ހިންގުން ޙަވާލުކޮށްލެވޭނެ ކަމަށާއި އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ގުޅުންހުރި އިތުރު އެކްޓިވިޓީސްތައް އެހެންބަޔަކު ލައްވައި ހިންގޭނެ ނިޒާމެއް ޤާއިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ވޯޓަރ ސްޕޯޓްސް، ރެސްޓޯރެންޓް ސާވިސް އަދި ކޮފީ ޝޮޕް ކަހަލަ ޚިދުމަތްތައްވެސް ދޭނީ ވަކިވަކި މީހުން ކަމަށާއި އެއްބަޔެއްގެ މުށުތެރޭގައި ހުރިހާ ކަމެއް ބޭއްވުމުގެ ބަދަލުގައި އެންމެނަށް ފަތުރުވެރިކަމުގެ ނަފާ ބަހައިލައިގެން ކުރިޔަށް ގެންދެވޭނެ ނިޒާމެއް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ލޯނުވެސް ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.






