އ.ދ މަހިބަދޫ ޔޫތް ފުޓުބޯޅަ މުބާރާތް 2024 މިމަހު 22 ގައި ފަށާ ގޮތަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
މި މުބާރާތަކީ އެ ރަށު ކައުންސިލުން 2009 އިން ފެށިގެން އެ ރަށުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި ނޫނަސް އިތުރު ގިނަ މުބާރަތްތަކެއް އެ ރަށުގަައި އަންނަނީ ބާއްވަމުންނެވެ.
މި މުބާރާތް ކުޅެން ހަމަ ޖެހިފައިވަނީ ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ސްޓޭޑިއަމް އަކަށް ނަންދިން ޕެލޭ ސްޓޭޑިއަމް އ.ދ މަހިބަދޫގައެވެ.
ހަމަ އެކަނި އެރަށަށް ނިސްބަތްވާ ޓީމުތަކަށް ބައިވެރިވެވޭ މި މުބާރާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ޖިބިއްލީ ސްޕޯޓްސް ކުލަބުން ވެސް ވަނީ ބައިވެރިވެފައެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އެންޓީ ޔުނައިޓަޑާ ދެކޮޅަށް ފައިނަލުގައި ކުޅެ ތަށި ހޯދާފައެވެ. އެގޮތުން އެއީ އެ ޓީމަށް ލިބުނު 11 ވަަނަ ތަށިކަން ވެސް ފާހަގަކޮށްލެވެއެވެ.
މަހިބަދޫގެ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނޭއިރު ނަން މަޝްހޫރު ކުލަބުތަކުގައި ތަރިންގެ ގޮތުަގައި އެ ރަށުގެ ކުޅުންތެރިން ވަނީ ފާހަގަވެފައެވެ.
މަހިބަދޫ ސްޕޯޓްސް ކުލަބުން އިސްނަގައިގެން އެ ރަށުގައި އެކަޑަމީއެއް އުފައްދައި އިތުރު ޅަ ކުޅުންތެރިން ވެސް ދަނީ އުފައްދަމުންނެވެ.



