ފާއިތުވެ ދިޔަ 2023 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު 11ގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9.5 އިތުރުވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 52 ހަފްތާގައި އެ ވުޒާރާއިން އިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އާންމު ކޮށްފައިވާ "ފަތުރުވެރިކަމުގެ ދުވެލި" ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރުތެރޭ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އެގޮތުން މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި އެންމެ އަވަހަށް ހާސިލްވީ މިއަހަރު ކަމަށް އެފޮތުގައިި ފާހަގަ ކޮށްފައިވެއެވެ. މިއަހަރުގެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. އަދި އެއްމަހެއްގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ، އެއީ 218،388 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މުހިއްމު މާކެޓުތަކަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ނިޔަލަށް ޗައިނާއިން %46.6 ފަތުރުވެރިން، އިޓަލީވިލާތުން %26 ފަތުރުވެރިން، އިނގިރޭސިވިލާތުން %16.3 ފަތުރުވެރިިން، ޖަރުމަނުވިލާތުން %17.7 ފަތުރުވެރިން އަދި ރަޝިޔާއިން %5.9 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އެ ވުޒާރާއިން ބުނާގޮތުގައި މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މި ލަނޑުދަނޑި މިއަހަރުގެ ޑިސެމްބަރުމަހު ތެރޭ ހާސިލްވާނެ ކަމަށް އެ ވުޒާރާއިން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން މިއަހަރުތެރޭ ރިސޯޓް، ގެސްޓްހައުސް، ހޮޓެލް އަދި ސަފާރީ ހިމެނޭހެން ޖުމުލަ 110 އެސްޓަބްލިޝްމަންޓެއް އަލަށް ރާއްޖޭގައި ހުޅުވާފައުވެއެވެ. އެއީ 93 ގެސްޓްހައުސް، 13 ސަފާރީ، 2 ރިސޯޓު އަދި 2 ހޮޓަލެވެ. މި އިތުރުވުމާއެކު ޖުމްލަ 1984 އެނދު ވަނީ އިތުރުވެފައެވެ.
ހަމައެއާއެކު ރާއްޖޭގައި ފަތުރުވެރިކަމަށް އިންވެސްޓުކުރުން އިތުރުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 14 ނޮވެމްބަރު 2024ގެ ނިޔަލަށް އަލަށް 11 ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވެއެވެ. އަދި މިތަންތަން ކުށްޔަށް ދޫކޮށްގެންނާއި އެހެނިހެން އިންވެސްޓްމަންޓުތައް ހިމަނައިގެން އާމްދަނީގެ ގޮތުގައި 32،678،500.00 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ، އަދި މިތަންތަނުގެ އިންވެސްޓްމަންޓުގެ އަގު 400،000،000.00 އެމެރިކާ ޑޮލަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެއެވެ.
މީގެ އިތުރުން މިއަހަރު ތެރޭ ވޯލްޑް ޓްރެވަލް އެވޯޑްސްއިންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2024 ވަނަ އަހަަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ވަނީ ހަތަރު އެވޯޑެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން އެވޯޑް، އިންޑިއަން އޯޝަން ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން އެވޯޑް، އިންޑިއަން އޯޝަން ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑް އަދި އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަން އެވޯޑެއެވެ. އަދި 2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ކެޓަގަރީން ރާއްޖެ ވަނީ 5 ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެތަށް މަސައްކަތެއް ކުރަމުން އަންނައިރު، ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލްގެ ގޮތުގައި، އަދި ދުނިޔޭގެ އެންމެ މަތީފަންތީގެ މަޝްހޫރުކަން ހޯދުމަށް ރާއްޖެ މާކެޓްކޮށް ޕްރޮމޯޓް ކުރުމުގެ އެކި މަސައްކަތްތައް ކުރަމުންނެވެ.









