ޔޫއެފާ ނޭޝަންސް ލީގުގައި ގްރޫޕްގެ އެއްވެސް މެޗަކުން ބަލިނުވެ ކުޅެމުން އައި ގްރީސް 0-3 ލަނޑުން އިންގްލޭންޑު އަތުން ބަލިވި މެޗުގައި އިނގިރޭސި ޓީމުން ފެށީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ބެންޗުގައި ބައިންދައިގެންނެވެ. ކޭންގެ ބަދަލުގައި އެރުވީ ވަޓިކިންސް އެވެ.
މެޗަށްފަހު އިނގިރޭސި ވަގުތީ ކޯޗު ލީ ކާސްލީ ބުނީ ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭންގެ ބަދަލުގައި އޮލީ ވަޓްކިންސް ކުޅުވުމަކީ ކޭންއަށް ދެރައެއް ނޫން ކަމަށެވެ. ވަޓްކިންސް ވަނީ މެޗުގެ 7 ވަނަ މިނެޓުގައި ގޯލު ޖަހައިފައެވެ. ކާސްލީ ބުނީ ވަޓްކިންސްއަށް ގޯލު ޖެހުމުގެ ފުރުސަތު ލިބުނު ކަމީ އުފާވެރި ކަމެއް ކަމަށާއި، ވޯލްޑް ކަޕް ކާމިޔާބުކުރަން ބޭނުންވާނަމަ، ގިނަ ކުޅުންތެރިންނަށް މިފަދަ ތަޖުރިބާތައް ލިބެންޖެހޭ ކަމަށެވެ.
ކޭން މެޗު ފެށުނުއިރު ކުޅެން ނުފެށުމާ ގުޅޭގޮތުން ކާސްލީ ބުނީ، ކޭން އެކަމާ މައްސަލައެއް ނުޖައްސާ ކަމަށެވެ. އަދި މިއަދު ހަވީރު ރާއްޖޭގެ ގަޑިން 6 ޖަހާއިރު އަޔަލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ކޭން ކުޅޭނެ ކަމަށް އޭނާ ބުންޏެވެ.
ގްރީސްއާއި ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ވަޓްކިންސްގެ އިތުރުން ރިކޯ ލުއިސް، ނޮނީ މަދުއެކެ، ކަރޓިސް ޖޯންސް، ލުއިސް ހޯލް އަދި މޯގަން ރޮޖަރސް ވެސް ވަނީ ކުޅެފައެވެ. މީގެ ތެރެއިން ޖޯންސް، ހޯލް އަދި ރޮޖަރސްއަކީ ފުރަތަމަ ފަހަރަށް ސީނިއަރ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ.









