އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ..
މި ޕްރޮގްރާމުގެ ދަށުން "އަކުއާ ފިޓްނެސް ފެސްޓް" ގެ ނަމުގައި ހުޅުމާލޭ ބީޗުގައި ހުކުރުދުވަހު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. މި އިވެންޓުގައި ހުޅުމާލޭގައި މަސައްކަތްކުރާ ކޯޕަރޭޓް އޮފީސްތަކުގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ފެސްޓްގެ މައިގަނޑު މަޤްޞަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. މި ފެސްޓްގައި އެސްޓީއޯއިން ވަނީ ބޭނުންކުރަން ފަސޭހަ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓަރކުރާ ޑިވައިސްއެއް ތަޢާރަފްކޮށްފައެވެ.
މީގެއިތުރުން ބުރާސްފަތި ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނަށް ހެލްތް ސްކްރީނިންގ ސެޝަންއެއް ބޭއްވިއެވެ. މި ސެޝަންގައި ލޭގެ ޕްރެޝަރ، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށްފަހު ހެލްތް ގައިޑެންސް ދެވުނެވެ.
އާންމުންނަށް މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު 2024 ވާ ހޮނިހިރު ދުވަހު މެންދުރު 13:30 އިން 15:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.
އެސްޓީއޯއިން އިތުރަށް ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި ޑައިބެޓިކް ޕޭޝަންޓުންނަށް ޚާއްޞަ ސެޝަންއެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. މި ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިންމު ޞިއްޙީ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.









