އިގްތިޞާދު ހަމައަކަށް އެޅުވުމަށާއި ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވުމަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރުގެ އާމްދަނީގެ ބައެއް މަރުކަޒީ ބޭންކަށް ޖަމާކުރަން ޖެހޭ ޤަވާޢިދުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަންފީޛު ކުރަމުންދާއިރު، ޔުނިވާސަލް އަދި ޗަމްޕާ ފަދަ ކުންފުނިތަކުގެ ރިސޯޓު ހިމެނޭ ގޮތަށް ފަންސާހަކަށް ރިސޯޓުން ވަނީ ޤައުމުގެ އިޤްތިޞާދީ ހެޔޮ ދުޅަހެޔޮކަމަށް ވުރެ އަމިއްލަ ފައިދާއަށް އިސްކަންދީގެން ފާޅުގައި އެ އުޞޫލާއި ދެކޮޅު ހަދާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަހުޖަނުންނާއި ދެކޮޅަށް ވަރަށް ގިނަ މީހުން އެމީހުންގެ ޝުޢޫރު ފާޅުކުރަމުން އެބަ ދެއެވެ. އެއްބަޔަކު ބުނަނީ، ރައްޔިތުންގެ ދިޔަ ފެލައި ރައްޔިތުންގެ ލޭ ބޮއެގެން ވެސް އިތުރަށް މުއްސަނދިކަން ހޯދަނީއެވެ.
އެއްބަޔަކު އިއްތިފާޤުވާ ގޮތުގައި، ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންތައް ދަނީ ޑޮލަރުގެ ބުލެކްމާކެޓް ކޮންޓުރޯލް ކުރަމުންނެވެ. މިކަން ނިމުމަކަށް ގެނެސް، ނިކަމެތި ރައްޔިތުންނަށް ހެޔޮ ގޮތްތައް ފޯރުކޮށްދީ ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަހުޖަނުން ދަނީ ދެކޮޅު ހަދަމުންނެވެ. ޙަޤީޤަތުގައި މިއީ ހިތާމައެކެވެ. ރިސޯޓުތައް ހަދާފައިވަނީ ބޮޑެތި ލޯނުތައް ނަގައިގެންނެވެ. މަހުޖަނުން މުއްސަނދިވީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނީމައެވެ. މުއްސަނދި ކަމަކީ އަބަދަކު ދާއިމަށް އަތުގައި އޮންނާނެ އެއްޗެއް ކަމަށް ހީވުމަކީ ގޯހެކެވެ. ރައްޔިތުންގެ ލޭ ބޮއެގެން މުއްސަނދިކަމުގައި ތާއަބަދު ދެމިހުރެވޭނެ ކަމަށް އުއްމީދުކޮށްގެން ތިއްބާ ބަނގުރޫޓުވި ބޭރުގެ ބައެއް މަހުޖަނުންގެ ވާހަކަ ތާރީޚުގައި ފެންނާން އެބަހުއްޓެވެ. ކަން އޮތީ މިހެންނެވެ. މުދަލަކީ މާތްރަސްކަލާނގެ ދެއްވި އެއްޗެކެވެ. އޭގައި ރައްޔިތުންގެ ޙައްޤެއް ވެއެވެ. ދައުލަތުގެ ޙައްޤެއް ވެއެވެ. ޤައުމު އޮތް ޙާލަތު މަހުޖަނުންނަށް އެބަ އެނގެއެވެ. ޑޮލަރަށްވުރެ ރުފިޔާ ގިނަކަމާއި، ވަންނަ ޑޮލަރުތަކަށް ވަމުންދާ ގޮތް ވެސް އެންމެ ރަނގަޅަށް އެނެގެނީ މަހުޖަނުންނަށެވެ. އެހެންކަމުން، މަހުޖަނުންވެސް މިވަގުތަކީ ރައްޔިތުންނާއި ޤައުމަށްޓަކައި ވިސްނަންވީ ވަގުތެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހަމަމަގަށް އަޅުވައި އިޤްތިޞާދު ކޮޅަށް ޖެހުމަށް ހަދާފައިވާ ޤަވާޢިދުގައި ރިސޯޓްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ޖެހޭއިރު، 50 އެނދަށް ވުރެ މަދު ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހެ އެވެ. މި އާމްދަނީ ދިވެހި ބޭންކުތަކަށް ޖަމާކުރަން ޖެހޭއިރު، އެމްއެމްއޭއަށް ބޭރު ފައިސާގެ ރިޒާވް ހަރުދަނާކޮށް، ރުފިޔާ ހަމައަކަށް އެޅުވޭނެ އެވެ. ބޭންކު ރޭޓުގައި ރައްޔިތުންނަށް ޑޮލަރު ފޯރުކޮށްދެވޭނެއެވެ. މަހުޖަނުން ބުނަނީ އައު ޤަވާޢިދަށް ޢަމަލު ނުކުރާނެ ކަމަށެވެ. އެމީހުންނަށް އޭރުން ގެއްލުންވާނެ ކަމަށް ބުނެ ކަނޑައެޅިގެން ހަދަނީ އިދިކޮޅެވެ. ޓޫރިޒަމް މިނިސްޓްރީން 2022 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ %31 ޓޫރިސްޓުން 1،000 ޑޮލަރާއި 5،000 ޑޮލަރު ރިސޯޓުތަކަށް ޚަރަދުކުރާއިރު 5،000 ޑޮލަރުގެ ތެރެއިން އެންމެ 500 ޑޮލަރު މަރުކަޒީ ބޭންކަށް މާރު ނުކުރެވެންވީ ސަބަބެއް ނެތެވެ.
އަދި ކޮބައިތޯއެވެ. ބައެއް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި އެ ރިސޯޓަށް 5،000 އާއި 10،000 ޑޮލަރު ބޮލަކަށް އެބަ ޚަރަދު ކުރެއެވެ. އެއީ %47 ޓޫރިސްޓުންނެވެ. ދެމިލިއަން ޓޫރިސްޓުން އައިކަމަށްވާނަމަ 940،000 ޓޫރިސްޓުން އެވްރެޖްކޮށް މީހަކަށް 10،000 ޑޮލަރު ޚަރަދުކުރާއިރު އެއީ 9 ބިލިއަނަށްވުރެ ގިނަ ޑޮލަރެވެ. މި ހުރިހާ ޑޮލަރެއް ބުލެކްމާކެޓުގައި ވިއްކައިގެން ރިސޯޓު އޯނަރުން ރައްޔިތުންގެ ލޭ ބޮނީއޭ ކިޔައި ސޯޝަލް މީޑިއާގައި މީހުން ޝުޢޫރު ފާޅުކުރާއިރު، ސަރުކާރުން އެމަންޒަރު ހެވިފައި ބަލަން ހުރުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެކެވެ.
އަދި ނިމުނީއެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދެންނެވި ސަރވޭގައި %14 ޓޫރިސްޓުންނަކީ 10،000 އާއި 20،000 ޑޮލަރު ޚަރަދުކުރާ މީހުންނެވެ. މިދައްކަނީ ބޮލަކަށް 20،000 ޑޮލަރު ޚަރަދުކުރާ ވާހަކައެވެ. އެކަމަކު އޭގެތެރެއިން އެންމެ 500 ޑޮލަރު 15 ރުފިޔާ ސާޅީސް ދެލާރިއަށް މަރުކަޒީ ބޭންކަށް މާރުކުރަން ބައެއް މަހުޖަނުން ދެކޮޅު ހަދައެވެ. އޭގެ ބަދަލުގައި ކަޅު ބާޒާރަށް ބިދޭސީން ނެރެގެން އެމީހުން އެ ވިއްކަނީ ޑޮލަރެއް 19 އަށް ވުރެ އަގު ބޮޑުކޮށް ކަމަށް އެއްބަޔަކު ތުހުމަތު ކުރެއެވެ. މި ބޮނީ ރައްޔިތުންގެ ލޭ ނޫން ދެން ކޮން އެއްޗެއްތޯ ރައްޔިތުން އެދަނީ ސުވާލު އުފައްދަމުންނެވެ. އެކަމަކުވެސް ބޭސްފަރުވާއަށް ކިޑްނީގެ މައްސަލައިގައި ނުވަތަ ކެންސަރަށް ބޭސްކުރަން ބެންކޮކަށާއި ލަންކާއަށް ވެސް ދިވެހި ރައްޔިތުން ދާންޖެހެއެވެ. އަގުބޮޑުކޮށް ޑޮލަރު ގަތުން ނޫން ގޮތެއް ބަލި އެނދުގައި ތިބި އެ ރައްޔިތުންނަކަށް ނެތެވެ. މަހުޖަނުން ހަމަ އުފަލުގައި އުދުހެނީއެވެ.
ކަޅު ބާޒާރު ކުރިއަރަނީ ޔުނިވާސަލް އަދި ޗަމްޕާ ފަދަ އެންމެ މުއްސަނދި ބައެއް ރިސޯޓުތަކުގެ ވެރިން ބޭންކުތަކަށް ލިބޭ އާމްދަނީ ޖަމާކުރަން ދެކޮޅު ހަދާތީ ކަމަށް މީހުން ބުނެއެވެ. އެހެންވެ ޔުނިވާސަލް އާއި ޗަމްޕާ ފަދަ ކުންފުނިތަކަށް ބައެއް މީހުން ނަފްރަތުކުރާކަން ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހުންނަ ޕޯސްޓުތަކާއި ކޮމެންޓުތަކުން އެނގެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ އިޤްތިޞާދު ޙިމާޔަތް ކުރުމަށް އަމާޒުކޮށްގެން ހަދާ ޤަވާޢިދުތަކާއި މި ދެ ކުންފުނިން ވެސް ދެކޮޅުހަދާތީއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޢާންމު ރައްޔިތުންނަށެވެ. ކަޅު ބާޒާރުގެ ސަބަބުން ބޭރު ފައިސާގެ އަގު ބޮޑުވެ، އިމްޕޯޓާއި ދަތުރުފަތުރަށް ޑޮލަރަށް ބަރޯސާވާ ވިޔަފާރިތަކަށްވެސް އިންތިހާއަށް ގެއްލުން ވެއެވެ. ދެންވެސް ސަރުކާރުން އަޅާނުލައި ދޫކޮށްލަންވީ ހެއްޔެވެ؟
ބައެއް މަހުޖަނުން ރައްޔިތުންގެ ލޭ ބުއިމުގައި ދެމިހުންނަން ބޭނުންވިޔަސް، 170 އެއްހާ ރިސޯޓުން އެމްއެމްއޭގެ ޤަވާޢިދު ބަލައިގަނެއެވެ. ދެކޮޅު ހަދަނީ ހަމައެކަނި ބައެއް ދިވެހި އޯނަރުންނެވެ. ބިދޭސީ އެއްވެސް ރިސޯޓު އޯނަރެއް މި ޤަވާޢިދާއި ދެކޮޅެއް ނަހަދައެވެ. ކަޅު ބާޒާރު ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތާއި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް އެމީހުން އެހީތެރިވެދެއެވެ. ހުރިހާ ރިސޯޓްތަކުން އެގޮތަށް ޢަމަލުކޮށްފިނަމަ އެމްއެމްއޭއަށް އަހަރަކު 450 މިލިއަން ޑޮލަރު ލިބި، މާލީ ސިޔާސަތުތައް ރަނގަޅުވެ، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް ފަދަ ބޭންކުތަކަށް ޑޮލަރު ލިބުން ފަސޭހަވެގެންދާނެ އެވެ. މެލޭޝިއާގައި ކިޔަވަން ބަހައްޓާފައި ހުރި ދަރިފުޅަށް ފަސޭހައިން ޑޮލަރު ފޮނުވޭނެއެވެ. ކީމޯތެރަޕީ ނެގުމަށާއި ބަލި އެނދުގައި ރާއްޖެއިން ބޭރުގައި ތިބި މީހުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި އިމްޕޯޓު މުދާ ގެންނަ ވިޔަފާރިވެރިންނަށް މިއަށްވުރެ ފަސޭހައިން ޑޮލަރު ލިބޭނެއެވެ.
ޓޫރިޒަމަކީ އެންމެ ގިނަ ބޭރު ފައިސާ ލިބޭ ޢާމްދަނީ ނަމަވެސް، ޤައުމަށް ފުރިހަމަ ފައިދާއެއް ހޯދުމަށް އުނދަގޫވަނީ ބައެއް މަހުޖަނުން ވަކި ގޮތަކަށް ޕޮލިސީ ގެންގުޅުއްވާތީއެވެ. މިއީ މި ނަހަމަ ބޭނުންކުރުން ހުއްޓުވަންވީ ވަގުތެވެ. އުޞޫލުތައް ބަދަލުކޮށްލަންވީ ވަގުތެވެ. މަހުޖަނުން ޤަވާޢިދަށް ސީދާ ޢަމަލު ނުކުރާނަމޭ ވިދާޅުވުމުގެ ބަދަލުގައި ޤަބޫލުކުރެވޭ ހައްލެއް ހުށަހަޅަމާ ހިނގާށެވެ. 500 ޑޮލަރު ބޮޑުނަމަ، މާރުކުރަން ދެވޭނެ ޢަދަދެއްވެސް ބުނަންވީ ނޫންހެއްޔެވެ؟. ސަރުކާރަށް މިކަމުގައި އެއްބާރުކުން ދެއްވައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ޓޫރިޒަމުން ލިބޭ ނަފާއިން ކޮންމެވެސް މިންވަރެއް ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ކަހަލަ ގޮތަކަށް ޕޮލިސީ ބަދަލުކުރަންވީއެވެ. ބޭނުމީ ހައްލެކެވެ. މުދާވެރިކަން ދެއްވަނީ ވަކިފަރާތަކުންނެވެ. ރިސޯޓުތައް ހެދީ ލޯނު ނަގައިގެންނެވެ. ލޯނު ދިނީ ބޭންކުތަކުން ރިސޯޓު މަހުޖަނުންނަށާއި ބޭންކަށްވެސް ފައިދާ ވާނެތީއެވެ. ވީމާ، އަމިއްލަ ފައިދާއަށް އެކަނި ވިސްނުމުގެ ބަދަލުގައި ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ސޮލިއުޝަނެއް ދޭށެވެ. އެހެންނޫނީ ރައްޔިތުން ދެންވެސް ބުނާނީ މަހުޖަނުން ތިބެގެން ރައްޔިތުންގެ ލޭ ބޮނީއެވެ. ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެނައުމާއި، އަމިއްލަ ދަހިވެތިކަމަށްވުރެ ރާއްޖޭގެ އިޤްތިޞާދަށް އިސްކަންދިނުމަކީ މަހުޖަނުން ފަޤީރުވާނެ ކަމެއް ނޫނެވެ. ބަދަލުގައި ލިބޭނީ ރައްޔިތުންގެ ހެޔޮ ދުޢާއެވެ.






