އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ހައްލުކުރުމަށާއި، ބޭސްފަރުވާއަށް ސަލާންޖަހަންޖެހޭ ހާލަތު ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދިވެހި ރައްޔިތުން ވޯޓު ދިނީ ބޮއްސުންލާފައިވާ މިފަދަ އެތައް ކަމެއް ހަމަމަގަށް އެޅުވުމަށް ކަމަށެވެ. އަދި ވޭތުވެދިޔަ އެތައް ސަރުކާރަކުން އަތްލާން ނުކެރިފައިހުރި އެތައް ކަމެއް ވަރަށް ވަރުގަދަ ޢަޒުމަކާއެކު ހަމަމަގަށް އަޅުވަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދަ އަދި އެންސްޕާއަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މިއީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަމަމަގަށް އެޅުވުމަށް ގެންނަން ކަނޑައެޅި ބަދަލުތަކެކެވެ.
ހީނާ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މިކަންކަން ހިނގަމުން އައިސްފައިވާ ގޮތުން ރައްޔިތުން މިނިޒާމަށް އިތުބާރު ނުކުރާ ކަމަށެވެ. އަދި މިކަންކަން ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުން އޭގެ ނަތީޖާ ފެނުމުން އެ އިތުބާރާއި ޔަގީންކަން ލިބެން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
އާސަންދަ ހަމަމަގަށް އެޅުވުމަށް މުއްސަނދިންގެ އަތުން މި ސްކީމަށް ހޭދަ ކުރަންޖެހޭ ކަމަށާއި، 60,000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ކޮންޓްރިބިއުޝަނެއް ނެގުމުން މުޅި ނިޒާމު ކުރިއަރައި، ބޭސްފަރުވާއަށް އެހީ ބޭނުންވާ މީހުންނަށް މާލީ ބުރަ އުފުލަން ނުޖެހޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މިއަހަރު ނިމޭއިރު އާސަންދައިގެ ތެރެއިން ކުރާ ޚަރަދު 2.2 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އާސަންދަ ސްކީމްގެ ދަށުން ކުރެވޭ ޚަރަދު ފާއިތުވި 5 އަހަރުގެ ތެރޭގައި ވަނީ އެވްރެޖްކޮށް 9.2 އިންސައްތަ އިތުރުވެފައެވެ.
ހީނާ ވިދާޅުވީ، ނަހަމަ ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ބޭނުންކުރަމުންދާއިރު، ޙަޤީޤަތުގައިވެސް ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށް އަންނަންޖެހޭ ކަމަށެވެ.
"ސިޔާސީ މަންފާއަށްވެސް މިނިޒާމުގެ ބޭނުންކޮށްފައި އެބަހުރި ނާޖާއިޒު ގޮތުގައި. އަޅުގަނޑުމެންނަށް ފެނުނު އާސަންދަ އެންސްޕާގެ ޑެސްކްތައް ޖަހައިގެން ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް އިސްވެރިންނާއި އެމްޕީން ތިބިތަން. އަޅުގަނޑުމެން އައިސް ބަލާލީމަ އެބަ އެނގޭ ރިޔާސީ އިންތިޚާބާއޮ ދިމާކޮށް ކޮސްމެޓިކް ސަރޖަރީ ނުވަތަ ރީތިވުމަށް ހަދާ ސަރޖަރީ ހަދަން (އާސަންދަ ސްކީމުން ކަވަރު ނުކުރާ) އާސަންދަ ދީފަ ހުރިކަން. މިފަދަ ގިނަ ކަންކަން އެބަހުރި. އެހާވެސް އިތުބާރު ގެއްލިފަ އޮތް ނިޒާމެއްގެ ވާހަކަ މިދައްކަނީ," ހީނާ ވިދާޅުވިއެވެ.
ޒަމާނުއްސުރެ ކަންކަން ހިނގަމުން އައި ގޮތުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށާއި، މިގެނެވެނީ ހެޔޮ ބަދަލުތަކެއްކަން ބަލައިގަންނަން ރައްޔިތުންނަށް ވަގުތު ނަގާނެކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.









