އެއް އަހަރުތެރޭ 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމަށް ކެފޭއެއްގެ ގޮތުގައި ހިންގަމުންދިޔަ 48 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.
ނާހިދު ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ 49 މީހުން ނެޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވެއެވެ. އަދި ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށް 57 ސަފާރީއެއް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެއްޗާ ގުޅުންހުރި 683 މައްސަލަ އެ އިދާރާއަށް ހުށަހެޅިފައިވާއިރު، 345 މައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މިހާތަނަށް 19 މައްސަލައެއްގައި 22 މީހުންގެ މައްޗަށް ކުށް ސާބިތުވެ ޙުކުމްކޮށްފައިވާއިރު، 142 ބިދޭސީން ޑިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. މި ބިލުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އިޞްލާޙުތައް ހިމެނޭކަމަށް ބުނެފައިވެއެވެ.









