އުރީދޫ މޯލްޑިވްސްއިން އަންނަ މަހު ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އުރީދޫއިން މިއަދު ހާމަކޮށްފިއެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ގޮތުން، ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީއެއް މެދުވެރިކޮށް ބައިވެރިވެ، އެޖެންޑާގައި ހިމެނޭ ކަންކަމަށް ވޯޓު ދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޖަލްސާގެ ނޯޓިސްއާއި އެޖެންޑާ މި މަހުގެ 30 ވަނަ ދުވަހު އުރީދޫގެ އިންވެސްޓަރުންގެ ވެބްސައިޓުގައި ޝާއިޢުކުރާނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން އިތުރަށް ހާމަކުރި ގޮތުގައި، ޖަލްސާގެ ނޯޓިސްއާއެކު، ޖަލްސާ ބޭއްވޭނެ ތާރީޚާއި، ގަޑިއާއި، ތަނުގެ މަޢުލޫމާތުގެ އިތުރުން އެޖެންޑާ އައިޓަމްތަކާއި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް ހާމަކުރެވޭނެއެވެ.
މި ޖަލްސާއަކީ ކުންފުނީގެ މުހިންމު ނިންމުންތަކެއް ނިންމުމަށް ބޭއްވޭ ޖަލްސާއެއް ކަމަށްވުމާއެކު، ހިއްސާދާރުންގެ ބައިވެރިވުން މުހިންމުކަން އެކުންފުނިން ފާހަގަކުރެއެވެ.









