މ. ދިއްގަރު ސިއްހީ މަރުކަޒުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ކްލިނިކެއް މިއަދު ޤާއިމުކޮށް، އެ ކްލިނިކް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިއަހަރުގެ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެކަމަނާ ވަނީ ކްލިނިކް ހުޅުވުމަށްފަހު އެތަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ދިއްގަރު ސިއްޙީ މަރުކަޒުން ބުނީ މި ކްލިނިކް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ، އެކަން ދުރާލާ ދެނެގަނެ ފަރުވާ ދިނުން ކަމަށެވެ. ދިއްގަރަކީ އަތޮޅުގެ ދެވަނައަށް އެންމެ ގިނައިން ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް ތަޙައްމަލުކުރާ މީހުން ދިރިއުޅޭ ރަށް ކަމަށް ވެސް އެ މަރުކަޒުން ފާހަގަކުރިއެވެ.
މި އައު ކްލިނިކްގެ އެހީގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައިވާ މީހުންގެ ޙާލަތު ދެނެގަތުމާއި، އެފަދަ ބަލިތަކަށް ޓެސްޓުތައް ހެދުމާއި، އަދި ހޭލުންތެރިކުރުމުގެ މަޢުލޫމާތު ބަލިމީހުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.









