އެމްއެމްއޭގެ ޤަވާޢިދުތަކަށް 50 އަށްވުރެ ގިނަ ރިސޯޓުން ދެކޮޅު ހަދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 386 ދުވަސް ކުރިން - 14 ނޮވެންބަރު 2024 15:01
ޚުލާސާ

ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ޓޫރިޒަމް ވިޔަފާރިއަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ބައެއް ރިސޯޓުތަކުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލުމަށް މިވަގުތު ދެކޮޅު ހަދާފަ.

ރާއްޖޭގެ 50 އަށްވުރެ ގިނަ ރިސޯޓުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އައު ޤަވާޢިދާއި ދެކޮޅަށް ސިޓީ ފޮނުވައިފިއެވެ. މި ޤަވާޢިދުގެ ދަށުން ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، ރިސޯޓުތަކުން ބުނާ ގޮތުގައި މިއީ ޓޫރިޒަމް ވިޔަފާރި ހިނގާ އުޞޫލުތަކާއި ދިމާނުވާ އެއްޗެކެވެ. އެކި ގެސްޓުން ރިސޯޓުތަކަށް ހޭދަކުރާ މިންވަރު ތަފާތުވާއިރު، ކޮންމެ ޓޫރިސްޓެއްގެ ބޮލަށް އެއް ޢަދަދެއް މާރުކުރަން މަޖުބޫރުކުރުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އެކި ފަންތީގެ ރިސޯޓުތަކުން ކޮޓަރި ވިއްކާ އަގު ތަފާތުވާއިރު، ހުރިހާ ރިސޯޓުތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުމަކީ ދަށް ފަންތީގެ ރިސޯޓުތަކަށް މާލީ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ރިސޯޓުތަކުން ފާހަގަކުރާ އަނެއް ނުކުތާއަކީ ހިލޭ ބައިތިއްބާ ފަރާތްތަކަށް ވެސް ޑޮލަރު މާރުކުރަން ޖެހުމެވެ. އަދި ރިސޯޓުތައް ހަދާފައިވަނީ ބޭރުގެ ލޯނުތަކުން ކަމަށްވާއިރު، މި ޤަވާޢިދުގެ ސަބަބުން ބޭރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޑޮލަރު ބާކީ ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހުމަކީ ވެސް ރިސޯޓުތަކުގެ ކަންބޮޑުވުމެކެވެ. ޚާއްޞަކޮށް ޑޮލަރުން ދޭންޖެހޭ ސަރވިސް ޗާޖާއި މުސާރަ ދިނުމަށް ދަތިވާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)ގެ ތިން ކުންފުނިން ވެސް މި ޤަވާޢިދަށް އަމަލުކުރުމަކީ ޕްރެކްޓިކަލީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވެއެވެ.

މި ޙާތުގައި، ސަރުކާރުން ރިސޯޓުތަކާއިމެދު ފިޔަވަޅު އެޅޭނެ ދޮރު ޤާނޫނުން ހުޅުވިފައި ވެއެވެ. އެހެނީ ޤަވާޢިދާއި ޚިލާފުވުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށްވާތީއެވެ. ނަމަވެސް، ރިސޯޓުތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ. ސަރުކާރުން އަދި މިކަމުގައި ރަސްމީ އެއްޗެއް ނުބުނެއެވެ،.

އެމްއެމްއޭއިން މި ޤަވާޢިދު ތަންފީޒުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުން ކަމަށް ބުނެފައިވީ ނަމަވެސް، މީގެ ސަބަބުން ދިގު މުއްދަތުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިދާނެ ގެއްލުން ބޮޑުވެދާނެ ކަމަށް ރިސޯޓު އޯނަރުން ބުނެއެވެ.

މި މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިސް ވެރިއެއް ވިދާޅުވިއެވެ. "މިއީ ވަރަށް ނާޒުކު މައްސަލައެއް. އަޅުގަނޑުމެން މިހާރު ވެސް ދަނީ އެމްއެމްއޭއާ މަޝްވަރާކުރަމުން. ރިސޯޓުތަކުގެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން ރިޢާޔަތްކުރާނަން. މީގައި ފާހަގަކޮށްލަންޖެހޭ ބޮލަކަށް އެންމެ 500 ޑޮލަރު މާރުކޮށްގެން ރިސޯޓުތަކަށް ކުލި ނުދެއްކި، މުވައްޒަފުންގެ މުސާރަ ނުދެވި ޚިދުމަތްތަކަށް ހީނަރުކަމެއް އައިސްދާނެ ކަމަކަށް. ޔަޤީން ނާންނާނެކަން" އެ ވެރިޔާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%