ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޔާރިއާން" ގެ ބަތަލު ހިމާންޝް ކޮހްލީ ކައިވެނި ކޮށްފިއެވެ.
ކައިވެނީގެ ޚަބަރު އޭނާ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
ހިމާންޝްގެ އިންސްޓަގްރާމް ޕޯސްޓްގައި ހިމެނޭ ފޮޓޯތަކުގައި އޭނާ ފެންނަނީ ފިޔާތޮށި ކުލައިގެ ކައިވެނީގެ ހެދުމެއްގައެވެ. އަދި އެއް ފޮޓޯގައި އޭނާ ފެންނަނީ އޭނާގެ އަނބިމީހާގެ ނިއްކުރިއަށް ބޮސްދޭ މަންޒަރެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި މި ކައިވެނި ބާއްވާފައިވަނީ ދިއްލީގެ ނެހުރޫ ޕްލޭސްގައި ހުންނަ އިންޓަނޭޝަނަލް ސޮސައިޓީ ފޯ ކްރިޝްނާ ކޮންޝަސްނެސްގައެވެ. މި ކައިވެނީގެ ޙަފްލާއަކީ އާއިލާއާއި ގާތް ރަހުމަތްތެރިން އެކަނި ބައިވެރިވި ކުޑަ ކައިވެނީގެ ޙަފްލާއެކެވެ. އަދި ކައިވެނި ކޮށްފައިވަނީ އެމީހުންގެ ސަގާފަތާ އެއްގޮތަށް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ހިމާންޝްގެ ކައިވެނީގެ ފޮޓޯތައް ފެނުމާއެކު، އޭނާގެ ގިނަ ފޭނުން ވަނީ މަރުޙަބާ ކިޔައި، ބާއްޖަވެރި ކައިވެންޏަކަށް އެދި ދުޢާކޮށްފައެވެ. ބައެއް ފޭނުން ވަނީ ހިމާންޝްގެ އަނބިމީހާގެ ރީތިކަމާއި އެ ދެމީހުން ވަރަށް ގުޅޭކަން ފާހަގަކޮށްފައެވެ.
ހިމާންޝް ބޮލީވުޑަށް ތަޢާރަފުވެފައިވަނީ ދިވްޔާ ކޯސްލާ ކުމާރާއި ބޫޝަން ކުމާރުގެ ފިލްމު "ޔާރިއާން" އިންނެވެ. މި ފިލްމުގައި ހިމާންޝްގެ އިތުރުން ރަކުލް ޕްރީތްވެސް ބައިވެރިވެފައިވެއެވެ.









