މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ފެށި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭގެ ޗެއަރޕަރސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން މި އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާދެވިގެންދާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
ފަރުވާ ފޯރުކޮށްދިނުމަކީ މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ވަރަށް މުހިންމު އަސާސީ ކަމެއްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެންޑީއޭގެ ޓްރީޓްމެންޓް ހަރުދަނާކުރާއިރު ރިލެޕްސް ޕްރިވެންޝަން އަދި ރީއިންޓެގްރޭޝަން، އާފްޓަރކެއަރގެ އިތުރުން ޑްރަގް ޕްރިވެންޝަން މަސައްކަތްތައް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ވަނީ ޤާއިމުކޮށްފައެވެ.
ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރުތަކާއެކު މަސްތުވާތަކެތީގެ މައްސަލައަށް ގިނަ ޙައްލުތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މުޖުތަމަޢުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ޙައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.









