ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، އެ ޤައުމުގެ ޤައުމީ އެއާލައިން، ބިމާން ބަންގްލްދޭޝް އެއާލައިންސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޑރ. ޝަފީގުރް ރަޙްމާން އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމުތައް ހަރުދަނާކޮށް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ބަންގްލަދޭޝްގެ ޤައުމީ އެއާލައިނުން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އަދި ޑރ. ޝަފީގުރް ވަނީ ބީމާންއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ތަފްޞީލު ޙިއްސާކުރައްވާފައެވެ. އަދި ޑރ. ޝަފީގުރް ވިދާޅުވީ ރާއްޖެއަކީ މިވަގުތު ބިމާން ބަންގްލްދޭޝް އެއާލައިންގެ ދަތުރުތައް ފެށުމަށް އެންމެ އިސްކަންދޭ އެއް މަންޒިލް ކަމަށާއި މިހާރު ކުރިއަށްދަނީ މި ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ޕްލޭނިން މަރުޙަލާތައް ކަމަށެވެ.
ސަފީރު ޝިއުނީން ވަނީ ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ނިމިދިޔަ ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޭޝިއަން ޓުއަރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެ ޕްރޮމޯޝަނަލް ހަރަކާތަތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަންގްލަދޭޝްގައި ބާއްވާ މިފަދަ ފެއާތަކުގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ބޭފުޅުންވަނީ ޖޮއިންޓް ޑެސްޓިނޭޝަން ޕްރޮމޯޝަނާ ގުޅޭގޮތުން ދެ ޤައުމު ގުޅިގެން ކުރެވެންހުރި އިތުރު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުން، ކުރިއަށް އޮތްތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ޒިޔާތަރްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ސަފީރު ވިދާޅުވިއެވެ.









