އއ. ރަސްދޫގެ ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު މަރުވި ހާދިސާ ހިނގިއިރު، އެ ޚިދުމަތް ދިން ކުންފުނީގެ ލައިސަންސް ހަމަވެފައިވާކަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މަޢުލޫމާތު ދެމުން، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ހާދިސާ ހިނގިއިރު އެ ތަނުގައި ވެލިޑް ރެޖިސްޓްރޭޝަނެއް ނެތް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޤަވަޢިދުން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އަޅަން އަންގާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ފުލުހުންނާ ގުޅިގެން ކޮމިޓީއެއް އެކުލަވާލައި ތަޙުޤީޤު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގައި ލައިސަންސް ނެތި ޚިދުމަތްދޭ ފަރާތްތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި އިންސްޕެކްޝަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ލައިސަންސް ނެތި ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު ގިނަފަހަރު އެނގެނީ ހާދިސާއެއް ހިނގުމުންނެވެ. އެހެންކަމުން، މިފަދަ ތަންތަން ދެނެގަތުމަށް ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.









