ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ސައިބަރ އެކްސްޕޯ 2024'' ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ވެބްސައިޓް ލޯންޗުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން އަދި އެހެނިހެން ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި ދައުވަތުއެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދާޚިލި ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސައިބަރ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށާއި ނެޝަނަލް ލެވެލްގައި މުޅި ސައިބަރ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، މި އެކްސްޕޯއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި، މި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ކަމުވޮށިގެންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބުނު އައު ހިތްވަރަކަށް ވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ދިވެހި މުޖުތަމައުގެ ހާލަތަށް ބަލާއިރު ސައިބަރ ކްރައިމްގެ ކުށްތައް ފުޅާވަމުންދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

''ސައިބަރ އެކްސްޕޯ 2024'' ގެ ވެބްސައިޓް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވާހަކަދައްކަވަނީ.
"މިއަދު ހުރިހާ މަސައްކަތްތަކެއް ވެސް ޑިޖިޓަލްކޮށް ކުރެވެމުންދާއިރު، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވާހިނދު، ފޫނުބެއްދޭ ވަރުގެ އަގު ބޮޑެތި ގެއްލުން ލިބި ޑާޓާތައް ގެއްލިގެންދޭ. މިކަމުގެ ސަބަބުން ދިރިއުޅުމުގައި ތަކުލީފުތައް އުފަލަންޖެހޭ ފަހަރު ވެސް އާދޭ. އެހެންކަމުން މިކަން ހުއްޓުވުމަށް، އެންމެން އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން މަސައްކަތްކުރުމަށް އިހަށްވުރެ އަދު މިވަނީ މުހިންމުވެފައި. އެގޮތުން އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، ތައުލީމާއި ތަރުބިއްޔަތުދޭ ތަންތަނުގެ މެދުގައި ގުޅުން ބަދަހިކުރުން ވަރަށް މުހިންމު." ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މަޢުލޫމާތު ޙިއްސާކުރުމަށް ނިޒާމުތައް ކަނޑައެޅުމާއި، ސައިބަރ ކްރައިމްގެ ނުރައްކާތަކާއި، ޑިޖިޓަލް ސެކިއުރިޓީގެ ވަލްނަރަބިލިޓީސްތައް ދެނެގަތުމާއި، މިކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރ އެދިލެއްވިއެވެ. އެގޮތުން ރައްކާތެރި ސައިބަރ ވެއްޓެއް ޤާއިމުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް، ބެސްޓް ޕްރެކްޓިކްސްތަކާ ޕޮލިސީސްތައް ތައްޔާރުކޮށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ޤާއިމުކުރުމަށް ލަނޑުދަނޑި ކަނޑައެޅުން މިއަދު ވަރަށް މުހިންމުކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތުއްތު ތުއްތު ޅަދަރީންނާއި އިސްރަށްވެހީން ސައިބަރ ކްރައިމް އިން ރައްކާތެރިކުރުން. އެގޮތުން ސައިބަރ ކްރައިމްގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން. މިކަމުގެ ސަބަބުން އިންޓަނޭނަޝަލް ބެސްޓް ޕްރެކްޓިކްސްތަކާއި ޤާނޫނުތަކަށް ލޯ ހުޅުވި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ." ކޮމިޝަނަރ ވިދާޅުވިއެވެ.
"ސައިބަރ އެކްސްޕޯ 2024" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 10 އިން 13 އަށެވެ. މި އެކްސްޕޯ ވެގެންދާނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސަރވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަކަށް ކަމަށް ފުލުހުން ބުންޏެވެ.









