ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗު ބަލަހައްޓަން ރޮމޭނިއާގެ ރެފްރީ ރާދޫ ޕެޓްރެސްކޫ ހަމަޖައްސައިފިއެވެ. މި މެޗު ކުޅޭނީ މާދަމާރޭ ރާއްޖޭ ގަޑިން 8:45ގައި ބްރަސެލްސްގެ ކިންގް ބޯޑުއިން ސްޓޭޑިއަމްގައެވެ.
މި މެޗަކީ އިޓަލީއަށް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން އެއް ޕޮއިންޓު ލިބުނު ނަމަވެސް އިޓަލީއަށް ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފީފާއިން ބުނި ގޮތުގައި ޕެޓްރެސްކޫގެ އެހީތެރިންގެ ގޮތުގައި ތިބޭނީ ރާދޫ ގިގްނުލެއާކް އާއި މިރްސެއާ މިހައިލް ގިގޯރިއުއެވެ. ހަތަރުވަނަ އޮފިޝަލަކަށް ހުންނާނީ މާސެލް ބިރްސާންއެވެ. ވީއޭއާރު ޓީމުގައިވެސް ތިބޭނީ ރޮމޭނިއާގެ އޮފިޝަލުންނެވެ.
މިއަދު 42 އަހަރު ފުރޭ ޕެޓްރެސްކޫއަކީ އިޓަލީގެ ސީނިއަރ ޓީމުގެ އެއްވެސް މެޗެއް މިހާތަނަށް ބަލަހައްޓާފައިވާ ރެފްރީއެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ އިޓަލީގެ 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމުގެ ތިން މެޗެއް އިންސާފު ކޮށްފައެވެ.
އިޓަލީގެ ޓީމުތަކުގެ މެޗުތަކުގައި ޕެޓްރެސްކޫގެ ބެލުމުގެ ދަށުން މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ. އެއް މެޗުން މޮޅުވިއިރު ހަތަރު މެޗުން ވީ އެއްވަރެވެ. ބެލްޖިއަމްގެ ސީނިއަރ ޓީމުގެ މެޗުތަކުގައި އޭނާ މީގެ ކުރިން ހަތަރު ފަހަރު ރެފްރީކަން ކުރިއެވެ. އޭގެތެރެއިން ބެލްޖިއަމް ވަނީ ދެމެޗުން ބަލިވެފައެވެ. އަނެއް ދެމެޗުން ވީ މޮޅެވެ.
އިޓަލީ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ލީގު އޭ ގުރޫޕް 2 ގެ 1ވަނައިގައެވެ. އެއްވެސް މެޗަކުން ބަލި ނުވެއެވެ. ބެލްޖިއަމް މޮޅުވީ އެންމެ މެޗަކުންނެވެ. ދެމެޗުން ބަލިވެ އެއްމެޗުން އެއްވަރުވެފައިވާއިރު އެޓީމު އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.









