ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތަކުގެ ރަށްތަކުން ހޮވާލެވުނު 14 ދިވެއްސަކު ތަމްރީނަށް އިންޑިޔާއަށް ފުރައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ ނިއު ދިއްލީގައި ހުންނަ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައެވެ. އެ އިންސްޓިޓިއުޓުން ހިންގާ "ވޭސްޓް މެނޭޖްމަންޓް ސިސްޓަމްސް: އޮޕަރޭޝަން އެންޑް މެއިންޓަނަންސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހިން މިހާރު ވަނީ ފުރާފައެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރެވޭކަން ކަށަވަރުކުރުމެވެ.
ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުނި މެނޭޖްކުރަން ބޭނުންވާ ވެހިކަލާއި އާލާތްތައް ތިމާވެށްޓާބެހޭ ވުޒާރާއިން ދަނީ ރަށްރަށަށް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ރީޖަނަލް ކުނި މެނޭޖްކުރާ ސެންޓަރުތަކެއް ރާއްޖޭގެ 3 ސަރަޙައްދެއްގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކުނިން ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ މެކޭނިކަލް ކޮމްޕޯސްޓަރު ރަށްރަށުގައި ޤާއިމްކުރުމާއި ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.









