އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން "ޙާލު ކިހިނެއް" ޕްރޮގްރާމް ޕްރޮގްރާމުގެ ތެރެއިން 8000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފިއެވެ.
މި ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޕީއެސްއެމް ނިއުސްގެ ރިޔާސީ ތަޤުރީރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢައިޝަތު ޒުހުރުބާން ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން މިދިޔަ 5 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާތަނަށް 8027 ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"ޙާލު ކިހިނެއް ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އޯގާތެރި ވެރިކަމެއް ކުރުން. މި ޕްރޮގްރާމުގެ ދަށުން ރައްޔިތުންނަށް ދިމާވާ ވަރަށް ގިނަ މައްސަލަތަކެއް ދެނެގަނެވިއްޖެ،" ޒުހުރުބާން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން، ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުން ފަދަ ކަންކަމުގައި ދިމާވާ ދަތިތައް އާންމުން ފާހަގަކުރާކަމަށް ވުޒާރާއިން ބުނެއެވެ.
މި މައްސަލަތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ދަނީ އެކަންކަން ބަލައި، އެހީތެރިވެދީ ޙައްލުތައް ހޯދައިދެމުންނެވެ. މިގޮތުން ބައެއް ޢާއިލާތަކަށް ކެއަރ ޕެކޭޖު ފޯރުކޮށްދެމުން ގެންދާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ޙާލު ކިހިނެއް ޕްރޮގްރާމް ފަށާފައިވަނީ ހިޔާ ފްލެޓުތަކުންނެވެ. މިހާތަނަށް އައިރު ހުޅުމާލޭގެ އިތުރުން މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ޕްރޮގްރާމް ކުރިއަށް ކުރިއަށް ގެންގޮސްފައިވެއެވެ.
ޒުހުރުބާން އިތުރަށް ވިދާޅުވީ، ގިނަ ވުޒާރާތަކަކުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިތައް ހުރިކަން ދެނެގަނެވިފައިވާ ކަމަށާއި، އެހެންކަމުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ ދައުލަތުގެ ވުޒާރާތަކާވެސް ގުޅިގެންނެވެ. އަދި ރަށްރަށުގައި ހިންގާ ޕްރޮގްރާމްތަކުގައި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބޮޑު އެއްބާރުލުމެއް ލިބޭކަން ވެސް ޒުހުރުބާން ފާހަގަކުރެއްވިއެވެ.









