ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އިސްލާމީ އުންމަތް އެކުވެ މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުވުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.
ރައީސް އެ މަނިކުފާނުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ސަޢޫދީގެ ވެރިރަށް، ރިޔާޟް ގައި ކުރިއަށްދާ ޢަރަބް އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުގެ ވެރިން. ފަލަސްޠީނުގެ މައްސަލައިގައި ޑރ. މުޙައްމަދު މުޢީއްޒު ގޮވައިލެއްވީ ސަޢޫދީއާއެކު ހުރިހާ މުސްލިމް ޤައުމުތަކުން އެކުވެ މަސައްކަތް ކުރުމަށް / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ވަނީ ފަލަސްޠީނުގެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި އދ. ގެ އުޞޫލުތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ތަކުރާރު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކާއި ޑިމާންޑުތަކުގެ ތެރޭގައި:
1. ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނައުމަށް ގޮވާލުން.
2. އިސްރާއީލުގެ ގަދަބާރުން ވެރިވެގަތުމުގެ ސިޔާސަތާއި އަނިޔާވެރި ޤަތުލުޢާންމު ހުއްޓުވުމަށް ގޮވާލުން.
3. ބާރުގަދަ ޤައުމުތަކުން، ޚާއްޞަކޮށް އެމެރިކާއިން، ފަލަސްޠީނު މައްސަލައިގައި ޢަމަލީ ފިޔަވަޅު އެޅުމަށް ގޮވާލުން.
4. އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރުގެ ސަބަބުން ހަރުދަނާ ފިޔަވަޅު އެޅުން ހުއްޓުވާފައިވާތީ، އެކަމަށް ޙައްލެއް ހޯދުމަށް ގޮވާލުން.
5. އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް ގޮވާލުން.
6. ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުގައި ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި ޢަމަލީ ފިޔަވަޅު އެޅުމަށް ގޮވާލުން.
7. ދެ ދައުލަތުގެ ސިޔާސަތުގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލުން.
8. ސަޢޫދީއާއެކު އިސްލާމީ އުއްމަތުން އެއްބައިވަންތަކަމާއެކު ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލުން.
މި ކަންބޮޑުވުންތަކާއި ޑިމާންޑުތަކުގެ އަމާޒަކީ ފަލަސްތީނު މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމެވެ.
ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕްގެ ދަށުން މުޅި އިސްލާމީ އުންމަތް އެއްބައިވެ މަސައްކަތްކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ތަކުރާރު ކުރައްވައި، ފަލަސްޠީނު-އިސްރާއީލް މައްސަލައިގައި ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްލާމީ އުއްމަތުގެ ކުއްލި ބައްދަލުވުމަށް ސަޢޫދީގެ ރިޔާޟް އަށް ވަޑައިގަތުން- ފަލަސްޠީނުގައި ދެ ދައުލަތް އޮތުމަށް އެމަނިކުފާނު ތާޢީދު ކުރައްވާ / ފޮޓޯ: ރައީސް އޮފީސް
ރައީސްގެ މި ވާހަކަފުޅުން، މެދުއިރުމަތީގެ ޞުލްޙައަށް އައު އުންމީދެއް ގެނެސްދީފައިވެއެވެ. އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕްގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގެ ޞުލްހައާއި ހަމަޖެހުމަށް އައު އުންމީދެއް ގެނެސްދޭ، އަދި އިސްލާމީ އުންމަތުގެ ބައިވެރިވުން އިތުރުކޮށް، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ހުރިހައި ބައިވެރިން ވެސް ދެކެއެވެ.









