އެއްގަމު އުޅަނދުފަހަރުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތައް އައު ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ނަންބަރަށް ބަދަލުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ޤަވާއިދަށް އިސްލާހު ގެނައުމަށްފަހުއެވެ. މި އިސްލާހުގެ ދަށުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ނަންބަރު ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެއެވެ.
ޤަވާއިދުގައިވާ ގޮތުން، ޑޮމެއިން ނަންބަރު ބޭނުންކުރާއިރު އެކަމާބެހޭ ހުއްދަ އުޅަނދުގައި ނުވަތަ ދުއްވާ މީހާގެ އަތުގައި ފަސޭހައިން ފެންނާނޭހެން އޮންނަންވާނެއެވެ. އަދި ޑޮމެއިން ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ނޫން އެހެން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުން މަނާވާނެއެވެ.
އެގޮތުން، ޑޮމެއިން ރަޖިސްޓްރީކުރުމާއި، އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ، ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމުގެ ހުއްދަ އަދި ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލުކުރުމަށް 500 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ކުރިން ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތައް އަލަށް ތައާރަފުކުރާ ޑޮމެއިންތަކަށް ބަދަލުކުރުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވުޒާރާއިން ހާމަކުރިއެވެ. މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށާއި، ފޯމާއި ލިޔެކިޔުންތައް Domains@transport.gov.mv އަށް ނުވަތަ އެކަމަށް ޚާއްޞަކޮށްފައިވާ ކައުންޓަރަށް ހުށަހެޅިދާނެ ކަމަށްވެސް ވުޒާރާއިން ފާހަގަކުރިއެވެ.
މިހާތަނަށް ޑޮމެއިންގެ ރެކޯޑުތައް ބަލަހައްޓަމުން އައިސްފައިވަނީ 3 ފޮތެއްގައި އަތުން ލިޔެގެން ކަމަށްވުމުން، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް 700 އެއްހާ ޑޮމެއިން ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ވުޒާރާއިން ކުރިން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި އަދި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް، ހަރުދަނާ އުސޫލެއްގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުންޏެވެ.
މި އައު ސިސްޓަމް ތަޢާރަފުކުރުމުން، އެއްގަމު އުޅަނދުފަހަރުގެ ޑޮމެއިން ނަންބަރުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށާއި، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޑޮމެއިން ނަންބަރުތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޓްރެފިކް ޤަވާޢިދުތައް ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވުޒާރާއިން ފާހަގަކުރިއެވެ.
ވުޒާރާއިން އިތުރަށް ބުނީ، މި އައު ސިސްޓަމަށް ބަދަލުވުމުގެ މުއްދަތުގައި، ޑޮމެއިން ނަންބަރު ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ނަންބަރަށް ބަދަލުކުރުމަށް އެ ފަރާތްތަކަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އައު ސިސްޓަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވުޒާރާގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މަޢުލޫމާތު ލިބެން ހުންނާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.









