މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދާ "ޑީކޮންޖެޝަން ޕްރޮގްރާމް"ގެ ދަށުން ގިނަ ޢަދަދެއްގެ އުޅަނދު ނައްތާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 446 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުގައި، މާލެ ސަރަޙައްދަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުގެ އަދަދަކީ 106،792 އެވެ. އަދި 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނު އިރު، މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 8،400 އުޅަނދެވެ.
އެހެންވެ، މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 9.18 އިންސައްތައިގެ ދަށްވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކާރުތަކުގެ ރަޖިސްޓްރޭޝަނަށް ބަލާއިރު، މާލެ ސަރަޙައްދަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކާރުގެ ޢަދަދަކީ 7،553 ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވާ އިރު، މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 301 ކާރެވެ. އެއީ 73.78 އިންސައްތައިގެ ދަށްވުމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ޕްރޮގްރާމް ފަށާފައިވަނީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ. އެ ޕްރޮގްރާމްގެ ދަށުން އަންނަނީ ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ.









