މާލެ ސަރަޙައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހެނދުނު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ޚިދުމަތް ފެށުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މާލެ ސަރަޙައްދުގައި އީވީ ޓެކްސީގެ ޚިދުމަތް ދޭން ނިންމައި އެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ޚިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެމްޓީސީސީގެ އާރުޓީއެލް ނެޓްވޯކްގެ ދަށުން މާލެ އާއި އައްޑޫގައި ބަހުގެ ޚިދުމަތް ދޭއިރު، ބައެއް އަތޮޅުތަކުގައި ސްޕީޑް ފެރީގެ ޚިދުމަތް މިހާރު ވެސް ދެއެވެ.
އީވީ ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރި އިރު، ސަރުކާރުން ވަނީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާ ގުޅޭ ގޮތުން ކުރިން މަޝްވަރާކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ޚިދުމަތް ވާނީ މާލެ ސަރަޙައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ.
މިއީ 100 އިންސައްތަ އީވީ ޚިދުމަތަކަށް ވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އާންމު ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ސަރުކާރުން ބޭނުން ވަނީ ޓެކްސީ ޚިދުމަތްތައް ރަނގަޅަށް ރެގިއުލޭޓުކޮށް، ރަނގަޅު ސިޔާސަތެއްގެ ދަށުން އާންމުންނަށް ލުއިވާ ގޮތަށް އެ ޚިދުމަތް ދިނުމަށް ކަމަށެވެ.









