އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، މި ޚާއްޞަ ޖަލްސާ ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ކަންކަމަށް ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންނަ އަހަރު ތެރޭގައި އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރާނެ ކަމަށާއި، މި ސަރުކާރުން ރައްކާތެރިކަމާއެކު މަރުކަޒު ބަލަހައްޓާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި ތަމްރީނުގެ މަރުކަޒެއް ބިނާކޮށްދެއްވިކަމަށްޓަކައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް މިނިސްޓަރ ޝަހީމް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.









