މިއަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ފެރީގެ ނިޒާމް މުޅި ރާއްޖޭގައި ޤާއިމްކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެރީގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް އަތޮޅުތަކުގައި އަދިވެސް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު، މި ފެށޭ އަހަރުތެރޭ އާރުޓީއެލް ފެރީގެ ނިޒާމް މުޅި ރާއްޖޭގައި ޤާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، އާރުޓީއެލް ފެރީގެ ނިޒާމާއެކު މުޅި ރާއްޖެ ގުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ނިޒާމުގެ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ހއ، ހދ، ށ، ގއ، ގދ، އައްޑު އަތޮޅު އަދި ފުވައްމުލަކުގައެވެ. މި ނިޒާމަކީ ރައްޔިތުންނަށް ފަސޭހަ ކަމާއެކު އަގު ހެޔޮކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަގުފަހިކޮށްދޭ ދަތުރުފަތުރުގެ ނިޒާމެކެވެ.









