ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވި ތަޤުރީރުގައި، ޤައުމީ މިނިވަންކަމާއި، އިސްތިޤްލާލާއި އަދި އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް ގެނެސްދެއްވީ ފޯރިއާއި ހިތްވަރެވެ. ޤައުމަށް ދެއްވި ތަޤުރީރުގައި ރައީސް އިސްކަންދެއްވީ ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަށެވެ. އެހެންނަމަވެސް އަވައްޓެރި އަދި ދުރު ޤައުމުތަކާއެކު ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވީ މޭ 10 ގައި ބޭރުގެ ސިފައިން ނެރުމުގެ ތާރީޚީ ކާމިޔާބީއެވެ. މިކަން ޙާޞިލުކުރެވުނީ ޞުލްޙަވެރި އަދި ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ ތެރެއިން ކަމަށާއި، މިއީ ސަރުކާރުން މިނިވަންކަމަށް ދެއްވާ އިސްކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ނިމުމާއި ހަމަޔަށްވެސް ރައްޔިތުން އެއަށް އިތުބާރު ނުކުރި ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ރަނގަޅު ވެރިކަމެއް ކުރުމަށް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ޢަދުލު އިންސާފުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނަން." މިހެން ވިދާޅުވެ، އިންސާފާއި ސިޔާސީ މިނިވަންކަމާ ގުޅޭ ކަންބޮޑުވުންތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.
މިނިވަންކަމުގެ އިތުރުން، ރައީސް ތަފްސީލުކޮށްދެއްވީ ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުތައް އަނބުރާ ހޯދުމަށާއި ސަރަޙައްދީ ސަލާމަތްތެރިކަން އަލުން ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ. ގެއްލުނު ފޯޅަވަހި ކަނޑުގެ ސަރަޙައްދުތައް އަނބުރާ ލިބޭތޯ ނުވަތަ ޗާގޯސް ޖަޒީރާތަކާ ދިވެހިރާއްޖެއާ ހުރި ޤާނޫނީ ގުޅުން ރަސްމީކޮށް ލިޔުމުން ބަޔާންކޮށް ބްރިޓިޝް ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ޚާއްޞަކޮށް ޖުމްހޫރީ ދުވަހު މި ރާއްޖޭގެ ސަރަޙައްދު ބޮޑުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ މޮޓޯއެއްކަން ދޭހަވެއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ސަރަޙައްދަކީ މިހާރު މުޅިންވެސް މޮރިޝަސްގެ ބާރު ހިނގާ ސަރަޙައްދެއް ކަމެވެ. ރައީސް ސިޓީފުޅު ފޮނުއްވީ އެތަން އެންމެ އައުލާކަންބޮޑީ ދިވެހިންނަށް ކަމަށް ވާތީ އެ ޙަޤީޤަތް ބަޔާންކުރައްވައި އެތަން އަނބުރާ ލިބޭތޯއެވެ.
މީގެ އިތުރުން، އެތެރޭގެ މައްސަލަތަކަށް ބަލާއިރު، ރައީސް އިޢުލާނު ކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 6.6 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. މިއީ ކުރީގެ ސަރުކާރުން ނުދައްކާ ހުރި ފައިސާ ކަމަށް ވާއިރު ޖުމްހޫރި ދުވަހުގެ ޚާއްޞަ ޖަލްސާގައި މި ދަރަނިވެސް މި ސަރުކާރުން ނިންމައި ޚަލާޞްކުރެއްވި ވާހަކަ އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން އިޤްތިޞާދު ވަރުގަދަ ކުރާނެކަމުގެ ޔަޤީންކަން ދެއްވައި، ޗައިނާ އަދި އިންޑިޔާ ފަދަ ޤައުމުތަކާއެކު މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަހަރުގެ ޖުމްހޫރީ ދުވަހު އިވިގެން ދިޔައީ މުޅިންވެސް ތަފާތު ވާހަކަތަކެކެވެ. ރައީސް ވިދާޅުވީ ވެރިކަން ހިންގަން ބޭޏުންވާނެ ގޮތާއި ޕްލޭންތަކުގެ ވާހަކަތަކެވެ. ވަޢުދު ފުއްދުމުގައާއި ވަފާތެރިކަންމަތީ ދެމިހުންނަވާނެ ވާހަކައާއި އޭގެ ޔަޤީންކަމެވެ.
ރައީސް ހުށަހެޅުއްވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށެވެ. މިއީ ޚަރަދު ކުޑަކޮށް، ވެރިކަން ހިންގުމުގައި ހަރުދަނާކަން އިތުރުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ޤައުމީ ފަޚުރުވެރިކަމާއި މިނިވަންކަމަށް ދެއްވާ އަހައްމިއްޔަތުކަމާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ލިބިގެންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ.
ރޭ ދަރުބާރުގޭގައި ދެއްވި ތަޤުރީރުގައި ރައީސް މުޢިއްޒުގެ މި ވަޢުދުތަކަކީ ދިވެހި ރައްޔިތުންގެ އުއްމީދުތައް އާކޮށްދިން ކަންކަމެވެ. ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، އަދި ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރައްވާ މަސައްކަތްތަކަކީ ގިނަ ރައްޔިތުން އެދޭ ކަންކަމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ވަޢުދުތަކަށް ޢަމަލީ ސިފަ ގެންނަވާނެ ގޮތް ދެކުމަށް ރައްޔިތުން ބަލަން ތިބިކަން ކަށަވަރެވެ.






