ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ކްލަބުތަކުގެ ތެރެއިން އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޮންގްރެސް މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ކޮންގްރެސްގައި ކްލަބަށް އައު ބޯޑެއް އިންތިޚާބު ކުރެވޭނެއެވެ.
ކްލަބުގެ ޗެއަރމަންކަމުގެ މަޤާމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން ކުރިމަތިލައްވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސީނިއަރ ވައިސް ޗެއަރމަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރު މުޖުތަބާ ޖަލީލް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.
ނިއު ރޭޑިއަންޓް މިހާރު ކުޅެމުންދަނީ ދެވަނަ ޑިވިޝަނުގައެވެ. މިއީ 2019 ވަނަ އަހަރު އެފްއޭއެމްއިން ކްލަބު ސަސްޕެންޑް ކުރުމަށްފަހު، 2022 ވަނަ އަހަރު އަލުން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ފަހުންނެވެ.
ކުރިން ކްލަބުގެ ޗެއަރމަންކަން ކުރެއްވި އަޙްމަދު ވާޞިފް އިސްތިޢުފާ ދެއްވުމާ ގުޅިގެން މިހާރު އެ މަޤާމު އޮތީ ހުސްވެފައެވެ.









