އިޓަލީ ވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް، ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އޮތް މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ޤައުމަކާއެކު ގާތް ގުޅުމެއް ބާއްވާ ޚާރިޖީ ގުޅުން ވަރުގަދަ ކުރެއްވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ބޭރުގެ ޤައުމުތަކުގައި ރާއްޖޭގެ އެމްބަސީތައް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިޓަލީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި، މިހާރު ކުރަމުން އަންނަނީ އެ ޤައުމުގައި އެމްބަސީ ހުޅުވުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާ ކަމަށެވެ. އަދި މިގޮތަށް އެކި ޤައުމުތަކުގައި ރާއްޖޭގެ އެމްބަސީ ޤާއިމްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް މުހިންމު ޤައުމުތަކާ، ޤައުމަށް ބޭނުންތެރި އަދި ފައިދާ ހުރި ތަންތަނުގައި އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިޓަލީވިލާތުން ކޮންމެ އަހަރަކު ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ އިރު، އެޤައުމަކީ ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.









