އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް އާ ފާއިތުވި ދުވަސްތަކުގައި ތިން ފަހަރު ވާހަކަދައްކައި މަޝްވަރާކޮށްފައިވާ ކަމަށް މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ނަތަންޔާހޫ ބުނި ކަމަށް އިސްރާއީލް ނޫސްތަކުން ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުން ނަތަންޔާހޫ ބުނި ގޮތުގައި މި މަޝްވަރާތަކަކީ ރަނގަޅު އަދި މުހިންމު މަޝްވަރާތަކެކެވެ. އަދި އިޒްރޭލާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ހުސްވި ހަފްތާގައި ނެދަރލޭންޑުގެ އެމްސްޓަޑަމްގައި އިސްރާއީލު ރައްޔިތުންނަށް އީރާނު ނަސްލުގެ މީހުން ހަމަލާދިން މައްސަލައާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށާއި، އީރާނުގެ ނުރައްކަލާ ގުޅޭގޮތުން ދެ ފަރާތުން އެއް ވިސްނުމެއް ގެންގުޅޭކަން ނަތަންޔާހޫ ބުންޏެވެ. .
ހަބަރުތައް ބުނާ ގޮތުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކެބިނެޓްގެ ތެރޭގައި ކުރިމަތިވި ދެކޮޅުވެރިކަން ފާހަގަކޮށް، މާޒީގެ އަސްކަރީ ނިންމުންތަކުގެ ވިސްނުންތައް ހިއްސާކޮށްފައެވެ.
"ހަސަން ނަޞްރުالله ނައްތާލަން ނުވަތަ ރަފާއަށް ވަންނަން ބޭނުންވި އިރު އަދި އެފަދަ އެހެން ޢަމަލުތައް ހިންގަން ބޭނުންވި އިރު، ކެބިނެޓުގައި އެކަމާ ދެކޮޅު ހަދާ މީހުން ތިބި. އެއް ޙުއްޖަތަކީ އެމެރިކާއިން މި ފިޔަވަޅާ ދެކޮޅު." މި މަޝްވަރާގެ ތެރޭގައި ނަތަންޔާހޫ ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިޒްބުاللهގެ ދިގު މުއްދަތެއްގެ ލީޑަރު ނަޞްރުالله އިޒްރޭލުން އަވަހާރަކޮށްލާފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބެއިރޫތުގައި ހުންނަ ހިޒްބުاللهގެ ބިމުގެ އަޑީގެ މަރުކަޒަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ފަލަސްތީނުގައި މިހާރު ކުރިޔަށްގެންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި ބެހޭ ގޮތުން ޓުރަމްޕުގެ ޚިޔާލު ހުރި ގޮތެއް ނަތަންޔާހޫގެ ކެބިނެޓު ބައްދަލުވުމުގައި ބުނެފައި ނުވާކަމަށްވެސް ހަބަރުތައް ބުނެއެވެ.









