20 ވަނަ ޤަރުނުގައި ދިވެހިން ދުށް ހުވަފެން ހަޤީޤަތަކަށް ވަމުން އަންނަނީ މިއަދުކަމަށް ދިވެހި ބަހާއި، ސަޤާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެކި ރަސްކަމާއި އެކި ވެރިކަން ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކަމަށެވެ. އެގޮތުން އެކި ނަންނަން ތަޖުރިބާކޮށް، މި ނަން ނަމާއި ދައުރުތަކުގެ ތެރޭގައި އަންނަ ބަދަލުތަކުން، ނަމަށް އަންނަ ބަދަލަށް ވުރެ ކަމަށް އަންނަ ބަދަލު މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭރަކު އެ ވެރިކަމެއް ހިންގުމަށް އޮންނަ ނަމެއް ނޫން، ޖުމްހޫރިއްޔަތެއްތޯ، ރަސްކަމެއްތޯ، ޑިމޮކްރަސީތޯ، މިއެއް ނޫން އަޅުގަނޑު ހިތުން. އެ ހިނގާ ވެރިކަމެއްގެ އެންމެ މަތީގައި ހުންނަވާ ވެރިޔާ، ކަން ހިންގަވަން ތިއްބަވާ ބޭފުޅުން އެކަމެއްގައި އޮންނަ އިޚްލާސްތެރިކަން ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 20 ވަނަ ޤަރުނުގެ ދިވެހި ރައްޔިތުން ދުށް ހުވަފެން ހަޤީޤަތަކަށްވާތަން ފެންނަނީ މިއަދު ކަމަށް ދަންނަވަން ފަސްޖެހިވަޑައި ނުގަންނަވާ ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކު ވަޒަން ކޮށްލި ނަމަވެސް މި ހަޤީޤަތް ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އެގޮތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނަށާއި ޤައުމާ މެދު އޮތް ވިސްނުންފުޅު ހުށަހެޅުއްވީ ވަރަށް ތަރުތީބުން ވަރަށް ސާފުކޮށް ލިޔެވި ހާމަވެގެންވާ ގޮތެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންގެ ފަޅީގައި ކަން ފެންނަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން ދިވެހި ބަހާއި، ސަޤާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މަރުޙަބާ ވިދާޅުވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ތިރިން މައްޗަށް ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 20 ވަނަ ޤަރުނުގައި ދިވެހިން ދުށް ހުވަފެން ހަޤީޤަތަކަށް ވަމުން އަންނަނީ މިއަދުކަން ދަންނަވާ ސަބަބަކީ މިއީ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެކަމުގެ ޢަމަލީ މަސައްކަތްވެސް ރައީސް މުޢިއްޒު މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ދިވެހިރާއްޖެ ބައްޓަން ކުރެވޭނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ޕްލޭން ފުރިހަމަވެގެން އަންނަ އިރު ދިވެހި ހުރިހާ ރައްޔިތުންގެ ފިކުރާއި ޚިޔާލާއި ވިސްނުން އޭގައި އޮތުން އެމަނިކުފާނު ބޭނުންފުޅުވާކަން ތަކުރާރުކޮށް އެ ގެންދަވަނީ ވިދާޅުވަމުން. އަދި އެކަމަށް މަގުތައް އެވަނީ ހުޅުވާލައްވާފައި، ފުރުޞަތުތައް އެވަނީ ހުޅުވާލައްވާފައި. އެހެންވީމާ ދިވެހިރާއްޖެ ކުރިއަށް އޮތް ތަނުގައި ހިނގާނީ ހުރިހާ ދިވެހިން ދަންނަ، ހުރިހާ ދިވެހިން އެދޭ، ހުރިހާ ދިވެހިން ބޭނުންވާ މިސްރާބަކަށް، އެ އަމާޒަށް، އެ ގޮތަކަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހި ރައްޔިތުން ޖުމްހޫރިއްޔަތެއް ބަލައިގަތުމުގެ މާނައަކީ ކޮންމެ ދިވެއްސެއްގެ ޙިއްސާއާއި ބައިވެރިވުން ޤައުމު ބިނާކުރުމުގައި އޮތުން ކަމަށެވެ.