ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް އަންނަ އަހަރު ތެރޭގައި ޒަމާނީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އަންނަ އަހަރުގެ ނިޔަލަށް އިތުރު 103 އޭޓީއެމް ބަހައްޓައި، 2025 ގެ ނިޔަލަށް މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޝަރީފް ހާމަކުރެއްވިއެވެ. މޯބައިލް ބޭންކިން އެޕް އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭއަށް ޒަމާނީ ބަދަލުތަކެއް ގެނެވޭނެ ކަމަށާއި، އޭއައި އާއި ރޮބޮޓިކް ޕްރޮސެސް އޮޓޮމޭޝަން ބޭނުންކޮށްގެން މަސައްކަތް ހަލުވިކުރުމާއެކު ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުން މިހާރުވެސް ވަނީ ކަސްޓަމަރުންނަށް އެހީވުމަށް އޭއައި އެސިސްޓެންޓް "އާޔާ" ތަޢާރަފްކޮށްފައެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތް ކުރެވޭ މި އެސިސްޓެންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެމީހުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ލިބެއެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.









