ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަސްމާލެ އޭރިއާ އެފް ހިއްކުމުގެ މަސައްކަތާއެކު މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށް އިތުރު ފިޔަވަޅެއް އެޅުން ފާހަގަވެގެންދާ ކަމަށެވެ.
ރަސްމާލެ ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަކި ސަރަޙައްދުތަކަކަށް ކަނޑައަޅައިގެންނެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތަކީ ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މި މަޝްރޫޢުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވަޢުދުފުޅެވެ.
ފުށިދިއްގަރު ފަޅުން ހިއްކާ މި ބިމުން ރަސްމާލެ ތަރައްޤީ ކުރުމަށް 1100 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި ސަރަޙައްދު ހިއްކާ ނިންމުމުން މި ސަރަޙައްދުގައި ބޯހިޔާވެހިކަމަށް ބޭނުންވާ އެންމެނަށް ބޯހިޔާވެހިކަން ދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.









