ސަރުކާރުން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ހެޖިންއަށް 216 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
މިކަން އިއުލާނުކުރީ ފިނޭންސް މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، ފިއުލް ހެޖިންއާ ގުޅޭ މުހިންމު މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ޚަރަދުތަކަށް މިއަހަރުގެ ބަޖެޓުގައިވެސް 108 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ފިއުލް ހެޖިންއަކީ ވަކި މުއްދަތަކަށް، ދެފަރާތުން އެއްބަސްވާ ވަކި އަގެއްގައި ތެޔޮ ގަތުމަށް ވެވޭ އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުމެއްގެ ސަބަބުން، ތެޔޮ ގަތުމުގައި މާކެޓު އަގަށް އަންނަ ބަދަލުތަކުގެ އަސަރު ނުކުރާނެއެވެ. އެހެންކަމުން، އެއްބަސްވުން ހަދާ މުއްދަތުގައި ތެލުގެ އަގު ބާޒާރުގައި ބޮޑުވި ނަމަވެސް، ނުވަތަ ކުޑަވި ނަމަވެސް، ސަރުކާރުން ތެޔޮ ގަންނަންޖެހޭނީ ފިއުލް ހެޖިން އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގަށެވެ.
މިހާރުވެސް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ތެލުގެ ސަބްސިޑީއަށެވެ. މިއަހަރު ތެލުގެ ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ހޭދަކުރާނެކަމަށް ލަފާކުރެވޭއިރު، މިދިޔަ އަހަރު ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މިއަހަރު ސަރުކާރުން ޖުމްލަ ސަބްސިޑީއަށް ކުރާ ހޭދަ 11 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަބްސިޑީއަށް ޖުމްލަ 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.









